ޚަބަރު

ތިމާވެށި ތަޣައްޔަރުވުމާ ދެކޮޅަށް ސާބިޔާގައި މުޒާހަރާކޮށްފި


ސާބިޔާގެ ޤާނޫނުހަދާ މަޖިލިސް ކައިރިއަށް ގިނަ ޢަދަދެއްގެ މީހުން އެއްވެ މުޒާހަރާކޮށްފިއެވެ. އެމީހުން މުޒާހަރާކޮށްފައިވަނީ އެ ޤައުމުގެ ފެނާއި ބިމާއި ވައި ތަޣައްޔަރުވުން ހުއްޓުވުމަށް ސަރުކާރުން އެދެވޭ ފިޔަވަޅުތަކެއް އަޅާފައިނުވާކަމަށް ބުނެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ސާބިޔާގެ ވަޞީލަތްތައް ބޭރުގެ ކުންފުނިތަކަށް ވިއްކަން އެ ޤައުމުންވަނީ ފަށައިފައެވެ. ސަރުކާރުން އެހެން ޢަމަލުކުރަނީ އޭގެ ސަބަބުން ތިމާވެށި ތަޣައްޔަރުވާ މިންވަރު އިތުރުވާނެކަމަށް ބުނެ އެ ޤައުމުގެ ރައްޔިތުން އެކަމާ ދެކޮޅު ހަދަނިކޮށެވެ.

ޔޫގޮސްލޭވިޔާގެ ބައެއްގެ ގޮތުގައި ކުރިން އޮތް ސާބިޔާއިން 1990ގެ އަހަރުތަކުގައި ގެއްލުން ބޮޑު ހަނގުރާމަތަކެއް ކުރުމުން އެ ޤައުމުންވަނީ އިޤްތިޞާދީ ހީނަރުކަމާ ކުރިމަތިލާން ޖެހިފައެވެ. ސާބިޔާއަށް ކުރިމަތިވެފައިވާ ތަޣައްޔަރުވުމުގެ މައްސަލަތައް ޙައްލުކުރުމަށް ބޭނުންވާ ވަޞީލަތްތައް އެ ޤައުމަށް ލިބިފައެއް ނުވެއެވެ. ވިލާތުގެ އިއްތިޙާދާ ގުޅުމަށް މަސައްކަތްކުރަމުންދާ ސާބިޔާއިން އެ އިއްތިޙާދުގެ ތިމާވެށީގެ މިންގަނޑުތަކަށް ފެތުމަށް އެތައް ބިލިއަން ޔޫރޯއެއް ޚަރަދުކުރަން ޖެހޭނެއެވެ.

ސާބިޔާގައި ކުރި މުޒާހަރާގައި ބައިވެރިވި މީހުން ބުނީ އެ ޤައުމުން އިންވެސްޓަރުންނަށް މަރުޙަބާ ކިޔާކަމަށެވެ. ނަމަވެސް އެ ޤައުމުގެ ދަރިންނަށް ޒަހަރުދިނުމަށް ރައްޔިތުން ނޭދޭކަމަށެވެ. ޤައުމުގެ ވެރިން ތިމާވެއްޓާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓާކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ. ޤައުމުގެ މާޙައުލު ތަޣައްޔަރުވެފައިވާތީ ޒުވާނުން ޤައުމު ދޫކުރަމުންދާކަމަށް މުޒާހަރާގެ ބައިވެރިންވަނީ ބުނެފައެވެ.