ޚަބަރު

މިޔަންމާގެ އަސްކަރިއްޔާއިން ދިން ޙަމަލާތަކެއްގައި 80 މީހުން މަރުވެއްޖެ


މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް މުޒާހަރާކުރަމުންދާ މީހުންނަށް އަމާޒުކޮށް ދިން ޙަމަލާތަކެއްގައި 80 މީހުން މަރުވެއްޖެއެވެ.

މިޔަންމާގެ އިސްވެރިޔާ އަން ސަން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތް ކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިސްބަތްވާ އިސްވެރިން ހައްޔަރު ކުރީ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ މަގުމައްޗަށް ނުކުމެ މުޒާހަރާކުރަމުންނެވެ. މުޒާހަރާތަކުގައި ގިނަ ޢަދަދެއްގެ މީހުންވަނީ މަރުވެފައެވެ.

ދަ އެސިސްޓަންސް އެސޯސިއޭޝަން ފޮރ ޕޮލިޓިކަލް ޕުރިސަނާސް، އޭއޭޕީޕީން ބުނީ އޭޕްރިލް މަހުގެ 9ވަނަ ދުވަހު އަސްކަރިއްޔާއިން ދިން ޙަމަލާތަކުގައި 82 މީހުން މަރުވެފައިވާކަމަށެވެ. ބާގޯ ނަމަކަށް ކިޔާ އަވަށެއްގައި އަސްކަރިއްޔާއިން ޙަމަލާ ދީފައިވަނީ އެއްވެސް ބެލުމެއް ނެތި މުޒާހަރާގެ ބައިވެރިން މެރުމުގެ މަޤްޞަދުގައިކަމަށް މިޔަންމާގެ ނޫސްއިދާރާތަކުންވަނީ ބުނެފައެވެ. އެ އަވަށުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ މީހުންވަނީ އެހެން ސަރަޙައްދުތަކަށް ހިޖުރަކޮށްފައެވެ.

އޭއޭޕީޕީން ބުނީ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން މިހާތަނަށް 618 މީހުން އަސްކަރިއްޔާއިން މަރާލާފައިވާކަމަށެވެ. ނަމަވެސް މިޔަންމާގެ އަސްކަރިއްޔާއިން ބުނީ އެއީ ޞައްޙަ ޢަދަދެއް ނޫންކަމަށެވެ. އަސްކަރިއްޔާއިން ބުނީ މިހާތަނަށް މަރުވެފައިވަނީ އާންމުންގެ 248 މީހުންނާއި 16 ފުލުހުންކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް ޙަމަލާ ދިނުމަށް ސަލާމަތީ ބާރުތަކުން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްފައިނުވާނެކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

އޭގެ އިތުރުން އޭޕްރިލް މަހުގެ 10ވަނަ ދުވަހު އަސްކަރިއްޔާއާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކުވަނީ ފުލުހުންގެ އިދާރާއަކަށް ޙަމަލާ ދީފައެވެ. އެ ޙަމަލާގައި މަދުވެގެން 10 ފުލުހުންވަނީ މަރުވެފައެވެ.

މިޔަންމާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންވަނީ އެ ޤައުމުގެ އަސްކަރިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އދގެ ސަލާމަތީ މަޖިލީހުގައި އެދިފައެވެ. އަސްކަރިއްޔާއިން ބުނާ ގޮތުގައި ބަޣާވާތާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުންގެ ޢަދަދު މަދުވަމުންދާކަމަށާއި ޤައުމުގެ ރައްޔިތުން ބޭނުންވަނީ ހަމަޖެހުމާއި ޞުލްޙަކަމަށެވެ. އަދި ދެ އަހަރުގެ ތެރޭގައި އިންތިޚާބެއް ބާއްވާނެކަމަށް އަސްކަރިއްޔާއިންވަނީ ބުނެފައެވެ.