ޚަބަރު

ރާއްޖޭގައި ފައިޒާ ވެކްސިން ދޭންފަށައިފި


ކޯވިޑަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން ފައިޒާ ވެކްސިން ރާއްޖޭގައި ދޭންފަށައިފިއެވެ.

އެޗްއީއޯސީއިން ވިދާޅުވީ ފައިޒާ ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލްގައިކަމަށެވެ. އަދި މިވެކްސިން ޖެހުމަށް ރަޖިސްޓަރކުރާ ފަރާތްތަކަށް އެޕޮއިންޓްމަންޓް މަޢުލޫމާތު ހިއްސާކުރާނީ ވެކްސިން ސެންޓަރުންކަމަށް އެޗްއީއޯސީއިން ވިދާޅުވެއެވެ.

ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށްވަނީ 5500 ފައިޒާ ވެކްސިން ޑޯޒް ލިބިފައެވެ. މިވެކްސިން ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ. މިވެކްސިން ރައްކާކޮށްފައި ބަހައްޓަންޖެހެނީ ފިނިހޫނުމިން 70 ޑިގްރީގައެވެ.

މިވެކްސިން މައިގަނޑުގޮތެއްގައި މާލެ ސިޓީގައި ޖެހުމަށް ނިންމާފައިވީނަމަވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށެވެ. އެގޮތުން ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި ޑަޔަލިސިސް ހަދަމުންދާ މީހުންނާއި ކެންސަރުގެ ފަރުވާއެއްކަމުގައިވާ ކީމޯތެރަޕީއާއި ރޭޑިއޯތެރަޕީ ދޭ މީހުންނާއި ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވާ ފަދަ ބޭސްތައް އެކި ސަބަބުތަކަށްޓަކައި ބެނުންކުރާ މީހުން ހިމެނެއެވެ.

މިވެކްސިންނަކީ ވަކި ކެޓަގަރީތަކެއްގެ ކުޑަކުދިންނަށްވެސް ޑަބްލިއުއެޗްއޯގެ ހުއްދައާއެކު ދެމުން އަންނަ ވެކްސިނަކަށްވުމުން އެމިންގަނޑުގެ ތެރެއިން ރާއްޖޭގައިވެސް އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބަލިޙާލަތަށް ބަލާ މިވެކްސިން ދެމުންގެންދާނެކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

ވެކްސިން ދޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެންކަމަށާއި، މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ މީހުންނަށް އިސްކަން ދޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. މިވަގުތު ރާއްޖޭގައި އަންނަނީ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ސިނޮފާމް ވެކްސިން ދެމުންނެވެ.