ޚަބަރު

ޖުމްހޫރީދުވަހުގެ ޖަލްސާގެ ސަލާމަތާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި


މިއަހަރުގެ ޖުމުހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން ބާއްވާ ރަސްމީ
ޖަލްސާގެ ސަލާމަތީ ކަންކަން ފުރިހަމަ ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަމާމެދު
މަޝްވަރާކޮށް އެކަން ކުރިޔަށް ގެންދާނެ ގޮތް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ނިންމަވައިފިއެވެ. 



ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުން އިސްނަގައިގެން
އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ ޖުމްހޫރީ
ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާއަށް ވަޑައިގަންނަވާ
ޢިއްޒަތްތެރިންނާ ހާޒިރީންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ އެއްގަމު ދަތުރު
ފަތުރުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުންނާ ސެކިއުރިޓީ
ކަންކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް އެހީތެރިކަން ފޯރުކޮށްދިނުމާ
ބެހޭގޮތުންކަމަށް ފުލުހުން މައުލޫމާތުދެއެވެ. 



މީގެ އިތުރުން މިޖަލްސާ ކުރިޔަށްދާވަގުތު ދަރުބާރުގެ ހިމެނޭ
ސަރަޙައްދު މަގުތައް ބަންދުކުރާނެ ގޮތާ އެސަރަޙައްދު ބަންދު ކުރުމުން ޓްރެފިކް
ޑައިވާޓް ކުރުމުގެ ކަންކަން ގެންދާނެ ގޮތާއި ބެހޭގޮތުންވެސް މަޝްވަރާ ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. 





މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސެންޓްރަލް
އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް
ޢަބްދުﷲ ޝަރީފް ވިދާޅުވީ މިޖަލްސާގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމަ ގޮތުގައި
ދަމަހައްޓައި އަމާން ކަމާ އޮމާންކަމާއެކު ޓްރެފިކް ފްލޯގެންދަން ޖެހޭނެ ކަމަށާއި
މިކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާނެ ދަތިތައް ވީހާވެސް މަދުކުރެވޭނެ
ގޮތަށް ކަންކަން އިންތިޒާމުކުރަން އިސްކަން ދޭންޖެހޭނެ ކަމަށެވެ. 



މިއާއެކު
މިޖަލްސާ އަށް ބަންދުކުރެވޭ މަގުތަކާ ގޯޅިތަކާ ޖަލްސާއަށް ވަޑައިގަންނަވާ
ޢިއްޒަތްތެރިންނާ ހާޒިރީންގެ އުޅަނދުތައް ޕާކު ކުރުމުގެ އިންތިޒާމު
ހަމަޖެހިފައިވާގޮތް މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް އަންގަމުން ގެންދިއުމުގެ
މުހިއްމުކަން މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.





މިބައްދަލުވުމުގައި މާލޭ ސިޓީ ޕޮލިސް އާއި ޑައިރެކްޓްރޭޓް
އޮފް އިންޓެލިޖެންސާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި ޓްރެފިކް
މެނޭޖްމަންޓް ޑިޕާޓްމަންޓާއި މާފަންނު ޕޮލިސް އާއި ގަލޮލޫ ޕޮލިސްގެ އިތުރުން ޕޮލިސް
މީޑިއާއިން ބައިވެރިވިއެވެ.