އެނބޫދޫ ފިނޮޅު ކައިރީ އޮތް ތެޔޮ ބޯޓެއްގައި ރޯވެއްޖެއެވެ.
ބްރޯ ފިއުލް ޕްރައިވެޓް ލިމިޓެޑްގެ "ސީ ސްޓަރ" ނަމަކަށް ކިޔާ މި ބޯޓު، ކ.އެނބޫދޫ ފިނޮޅުކައިރީގައި އޮއްވާ ބޯޓުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައިވަނީ މިއަދު 17:50 ހާއިރުއެވެ.
މިހާދިސާ ހިނގާފައިވަނީ ކ.އެނބޫދޫފިނޮޅުގެ 1.52 ނޯޓިކަލް މޭލު އިރު ދެކުނުން، އަތޮޅުން ބޭރުންނެވެ. ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ލޯންޗް ވަނީ މިއަދުގެ 18:13 ގައި ސައިޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދުގެ 18:27 ގައި ބޯޓް ވަނީ އަޑިއަށް ގޮސްފައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ބޯޓް އަޑިއަށް ގޮސްފައިވަނީ 1000 މީޓަރާއި 1400 މީޓަރާއި ދެމެދުގެ ފުންމިނަކަށް ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިބޯޓުން ޑީސަލް ލީކުވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާކަމަށާއި ތެޔޮ ލީކްވޭތޯ ކޯސްޓްގާޑް އިން ދަނީ ހުއްޓާނުލާ ބަލަމުންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
މިހާދިސާގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކަށް ރައްކާތެރިވުމަށް އެންވައިރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި ގުޅިގެން އެމްއެންޑީއެފްއިން ދަނީ ތައްޔާރުވަމުންނެވެ.