ޚަބަރު

ޙުއްދަ ނުހޯދައި އެމެރިކާގެ މަނަވަރެއް ދަތުރުކުރުމުން އިންޑިޔާގެ ހިތްހަމަނުޖެހުން


ޙުއްދަ ނުހޯދައި ލަކުޝަދީޕު ސަރަޙައްދުން އެމެރިކާގެ ހަނގުރާމަމަތީ މަނަވަރެއް ދަތުރުކުރުމުން އިންޑިޔާއިން ހިތްހަމަނުޖެހުން ފައުޅުކޮށްފިއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އެމެރިކާގެ ގިނަ ޢަދަދެއްގެ މަނަވަރުތައް އިންޑިޔާގެ ކަނޑުގެ ސަރަޙައްދުން ދަތުރުކޮށްފައިވެއެވެ. ނަމަވެސް އޭޕްރިލް މަހުގެ 7ވަނަ ދުވަހު އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ޙުއްދަ ނުހޯދައި އިންޑިޔާގެ ސަރަޙައްދަށްވަނީ ވަދެފައެވެ. އެކަމާ ގުޅިގެން އިންޑިޔާއިން ހިތްހަމަނުޖެހުން ފައުޅުކުރުމުން އެމެރިކާއިން ނެރުނު ބަޔާނެއްގައި ބުނީ ފްރީޑޮމު އޮފް ނެވިގޭޝަން އޮޕަރެޝަންގެ ނަމުގައި އިންޑީޔާގެ ކަނޑުގެ ސަރަޙައްދުގައި ޔޫއެސްއެސް ޖޯން ޕޯލް ޖޯންސުން ޙަރަކާތެއް ކުރިޔަށްގެންދިޔަކަމަށެވެ. އަދި އެ ޙަރަކާތް ކުރިއަށް ގެންދިޔުމުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ބަލައިގަންނަ ހައްޤުތަކާއި މިނިވަންކަން ދަމަހައްޓާފައިވާކަމަށް އެމެރިކާއިން ފާހަގަކުރިއެވެ.

ދިވެހިރާއްޖޭގެ އުތުރަށް އޮންނަ އިންޑިޔާގެ ލަކުޝަދީޕުގެ ރަށްތަކުގެ ހުޅަނގުން 130 މޭލު ބޭރުން އިންޑިޔާގެ ޙުއްދަ ނުހޯދައި ޔޫއެސްއެސް ޖޯން ޕޯލް ޖޯންސުން ދަތުރުކުރީ ބައިނަލްއަޤްވާމީ ޤަވާއިދުތަކުގެ ދަށުން ލިބިދޭ ޙައްޤުތަކާއި މިނިވަންކަމުގެ ބާރުގެ ދަށުންކަމަށް އެމެރިކާއިން ބުނެއެވެ. އަދި އެ ސަރަޙައްދުން ދަތުރުކުރުމަށް ޙުއްދަ ހޯދަންޖެހޭކަމަށް އިންޑިޔާއިން ޤަބޫލުކުރުމަކީ ބައިނަލްއަޤްވާމީ ޤަވާއިދުތަކާ ފުށުއަރައި ކަމެއްކަމަށް އެމެރިކާގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

އެމެރިކާއާއި އިންޑިޔާއިން އިންޑޯ-ޕެސިފިކު ކަނޑުގެ ސަރަޙައްދުގެ މިނިވަންކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ހުއްދަ ނުހޯދައި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދެއް އިންޑިޔާގެ ސަރަޙައްދަށް ވަނުމުން އިންޑިޔާގެ ދިފާޢީ ވުޒާރާއާއި ޚާރިޖީ ވުޒާރާއިންވަނީ ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޕަރސިއަން ގަލްފުން މަލަކާ ސްޓްރެއިޓަށް ޔޫއެސްއެސް ޖޯން ޕޯލްސް ޖޯންސުން ކުރަމުންދިޔަ ދަތުރު އިންޑިޔާއިން ބަލަމުންދިޔަކަމަށާއި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދަކުން ޙުއްދަނެތި އިންޑިޔާގެ ސަރަޙައްދު ހުރަސްކުރުމުން ޚާރިޖީ ގުޅުންތައް މެދުވެރިކޮށް އިންޑިޔާގެ ކަންބޮޑުވުންތައް އެމެރިކާގެ ސަރުކާރާ ޙިއްޞާކޮށްފައިވާނެކަމަށެވެ.

އދގެ ލޯ އޮފް ދަ ސީ މުމުއާހަދާގެ ދަށުން ޙުއްދަ ނުހޯދައި އެއްވެސް ޤައުމެއްގެ ސަރަޙައްދަކަށް ބޭރުގެ އުޅަނދަކަށް ނުވަދެވޭނެކަމަށްކަމަށް އިންޑިޔާއިން ބުނެއެވެ.