ޚަބަރު

ރަމަޟާން މަހު ދުބާއީގައި ގާތްދުރުކޮށް، މާސްކު އަޅައިގެން ނަމާދުކުރަން އަންގައިފި


ކުރިއަށްއޮތް ރަމަޟާން މަހުގެ ތެރޭގައި ދުބާއީގެ މިސްކިތްތަކުގައި ޢަމަލުކުރަންޖެހޭ ޤަވާއިދުތައް އެ ޤައުމުން އިޢުލާނުކޮށްފިއެވެ.

ކުރިއަށްއޮތް ރަމަޟާން މަހުގެ ތެރޭގައި ގިނަ ޢަދަދެއްގެ މުސްލިމުން މިސްކިތްތަކަށް ޖަމާވާނެއެވެ. ކޯވިޑް-19 ފެތުރެމުންދާ މި ޙާލަތުގައި ރައްކާތެރިކަމާއެކު މިސްކިތްތައް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދުބާއީގެ ސަރުކާރުން ކަނޑައަޅާފައިވާ ޤަވާއިދުތަކުގެ ތެރޭގައި މިސްކިތުގައި މާސްކު އެޅުމާއި އިޖުތިމާޢީ ގައިދުރުކަން ފަރިތަކުރުން ހިމެނެއެވެ. އޭގެ އިތުރުން މިސްކިތުގައި އަމިއްލަ މުޞައްލައެއް ބޭނުންކުރުމަށްވަނީ އަންގައިފައެވެ.

ދަ އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކުޓިވިޓީސް ޑިޕާޓުމަންޓު އިން ދުބާއީން ބުނީ މިސްކިތުގައި ސަލާންކޮށް އެކަކު އަނެކަކާ ކައިރިވުން މަނާވާނެކަމަށެވެ. ނަމާދުގެ ޖަމާޢަތް ކުރިއަށް ގެންދިޔުމަށް މީގެ ކުރިން އިޢުލާނުކޮށްފައިވާ ވަގުތަށް ބަދަލެއް ނުގެންނަކަމަށް އެ އިދާރާއިން ބުނެއެވެ. ނަމަވެސް ބަންގި ގޮވުމާއި ގަމަތް ދިނުން ހިމެނޭގޮތަށް އިޝާ ނަމާދާއި ތަރާވީޙު ނަމާދުގެ ޖަމާޢަތް ބައި ގަޑިއިރުގެ ތެރޭގައި ނިންމަންޖެހޭނެކަމަށް އެ އިދާރާއިން ބުނެއެވެ. ތަރާވީޙު ނަމާދަށްފަހު ވަގުތުން މިސްކިތްތައް ބަންދުކުރާނެއެވެ. އޭގެ އިތުރުން މިސްކިތްތަކުގައި ދަރުސްތަކާއި އުނގަންނައިދިނުން މަނާވާނެއެވެ. އަދި މިސްކިތުގައި ތިބޭ ވަގުތުގައި ޤުރުއާން ކިޔެވުމަށް ފޯނުފަދަ ވަޞީލަތްތައް ބޭނުންކުރުމަށް އެ އިދާރާއިން ބާރުއަޅައެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގެ ތެރޭގައި މިސްކިތުގައި ދަމު ނަމާދުކުރުމާ ގުޅޭގޮތުން ދުބާއީގެ ސަރުކާރުން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ގޮތެއް ނިންމުމުގެ ކުރިން ޙާލަތު ދިރާސާކުރާނެއެވެ.