މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލްގެ އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބު ގައި މިހާތަނަށް ލައްކައަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޯޓުލުން ފަށާފައިވަނީ ހެނދުނު 7:00 ޖެހިއިރުއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ޓްވިޓާގައި ހިއްސާ ކުރައްވާފައިވާ މައުލޫމާތުތައް ދައްކާގޮތުން މިއަދު 14:00 އާ ހަމަޔަށް 100829 މީހަކު ވަނީ ވޯޓުލައިފައެވެ. މީގެ ތެރޭގައި ހިމެނެނީ 53689 ފިރިހެނުން އަދި 47140 އަންހެނުންނެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 2 ލައްކައަށް ވުރެ ގިނަ މީހުންނަށް ލިބިގެންވެއެވެ. ނަމަވެސް އެހެން އިންތިހާބުތަކާއި އަޅައި ބަލާއިރު އަދި މިހާތަނަށް ވޯޓުލީ މީހުންގެ އަދަދު މަދެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލްގެ އިންތިހާބު ކުރިޔަށްދާއިރު ކޯވިޑްގެ ހާލަތާއި ގުޅިގެން މީގެކުރިން އެކި ފަހަރުމަތިން އިންތިހާބު ފަސްކުރިއެވެ. އިންތިހާބުގެ ކަންތައްތައް ވިހާވެސް ހަމަހަމަކަމާއި އަދި ރައްކާތެރިކަމާއެކު ކުރިޔަށްގެންދާނެ ކަމުގެ ޔަގީންކަން އީސީން ވަނީ ދީފައެވެ.