ޚަބަރު

މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް 14 ބިލިއަން ޑޮލަރު ހިމެނުމަށް ބައިޑަން ހުށަހަޅުއްވައިފި


2022ވަނަ އަހަރަށް ކަނޑައަޅައި އެމެރިކާގެ ބަޖެޓުގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް 14 ބިލިއަން އެމެރިކާ ޑޮލަރު ހިމެނުމަށް އެޤައުމުގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވައިފިއެވެ.

ބައިޑަންގެ ކުރިން ވެރިކަމުގައި ހުންނެވި ރައީސް ޑޮނަލްޑު ޓުރަންޕުވަނީ ޤުދުރަތީގޮތުން އުފެދޭ ގޭހުގެ ބާވަތްތައް ނަގައި ބޭނުންކުރުމުގައި ހުރި ދަތިތައް ނައްތައިލުމަށް ޚާއްޞަ ސިޔާސަތުތަކެއް ކަނޑައަޅުއްވައިފައެވެ. ބައިޑަންގެ ހުށަހެޅުއްވުމުން މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ދޭ އަޙަންމިއްޔަތު ސާފުވާކަމަށް ތިމާވެއްޓާބެހޭ މާހިރުން ބުނެއެވެ. އަދި ދުނިޔެ ހޫނުވާ މިންވަރު ދަށްކުރުމަށް 2050ވަނަ އަހަރުގެ ކުރިން އެމެރިކާއިން ކާބޮން ހިމެނޭ ގޭސްތައް ބޭރުކުރުން ހުއްޓުވުމަށް ދެމުންދާ މުހިންމުކަން ހާމަވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ބައިޑަން ހުށަހަޅުއްވާފައިވާ ބަޖެޓުގައި އެމެރިކާގެ އެންވައިރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް 11.1 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށްވަނީ ހިމަނުއްވައިފައެވެ. އެއީ މިދިޔަ އަހަރު ކަނޑައަޅާފައިވާ ޢަދަދަށްވުރެ 21.3 އިންސައްތަ އިތުރު ޢަދަދެކެވެ. އޭގެ އިތުރުން ނެޝަނަލް ސައިންސް ފައުންޑޭޝަނަށް 10.2 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށްވަނީ ހިމަނުއްވައިފައެވެ. އެއީ އެ އިދަރާއަށް 2021ވަނަ އަހަރަށް ކަނޑައަޅާފައިވާ ޢަދަދަށްވުރެ 20 އިންސައްތަ އިތުރު ޢަދަދެކެވެ. އޭގެ ތެރެއިން 500 މިލިއަން އެމެރިކާ ޑޮލަރު ބޭނުންކުރާނީ މޫސުމާއި ދެމެހެއްޓެނެވި ހަކަތައާ ގުޅޭ ދިރާސާތައް ކުރުމަށެވެ.

އެމެރިކާގެ ސަރުކާރުން ބުނީ ޓުރަންޕުގެ ސަރުކާރުން ސައިންސާގުޅޭ މަރުކަޒުތަކަށާއި މޫސުމީ ބަދަލުތަކާގުޅޭ އިދާރާތަކަށް ދެމުންދިޔަ ފައިސާގެ ޢަދަދު ދަށްކުރި ނަމަވެސް ބަޖެޓުގެ ތެރޭގައި އެ ޢަދަދުތައް އިތުރުކޮށް އަލުން ހިމެނުމުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިޑަންގެ ސަރުކާރުން ކުރާ މަސައްކަތްތައް އިތުރުކުރުމަށް އެހީތެރިވެދޭނެކަމަށެވެ.

އައު ބަޖެޓުގެ ދަށުން ތިމާވެށި ތަޣައްޔަރުވުމުގެ މައްސަލަތަކާ އެންމެ ބޮޑަށް ކުރިމަތިލަމުންދާ ސަރަޙައްދުތަކަށް ލިބޭ މާލީ އެހީތެރިކަން އިތުރުވާނެއެވެ. އަދި ޤުދުރަތީ ގޭހާއި އެހެނިހެން ވަޞީލަތްތައް ބޭނުންކުރުމުގެ ބަދަލުގައި އިޢާދަކުރެވޭ ހަކަތަ ބޭނުންކުރުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ސަރަޙައްދުތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެމެރިކާގެ އެކި ސަރަޙައްދުތަކުގައި ބޭނުން ނުކޮށްހުރި ގެލާއި ގޭސް ވަޅުތައް އަލުން ބޭނުންކުރެވޭނެ ގޮތްތައް ހޯދައި 250،000 ވަޒީފާގެ ފުރުޞަތު އުފެއްދުމަށްވެސް ބޮޑު ޢަދަދެއް ހޭދަކުރާނެއެވެ. ސަރުކާރުގެ ހަކަތައާބެހޭ ވުޒާރާއަށް ދޭނެ ބަޖެޓުވެސް 10 އިންސައްތައިން އިތުރުކުރުމަށްވަނީ ހުށަހަޅައިފައެވެ. އޭގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބައިޑަން ހުށަހަޅުއްވާފައިވާ ބަޖެޓު ބޭނުންކުރާނެއެވެ.