ވިޔަފާރި

މަކުނުދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައިފި


ބޭންކް އޮފް މޯލްޑިވްސް އިން ހދ. އަތޮޅަށް ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން މަކުނުދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ މަކުނުދޫގައި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ހދ. އަތޮޅުގެ ތިން ރަށެއްގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތް ބޭންކުން ފޯރުކޮށްދެމުންދާކަމަށެވެ. އެ ރަށްތަކަކީ ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫއެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މަކުނުދޫގެ ރައްޔިތުންނަށް މި އިންވެސްޓްމަންޓްގެ ސަބަބުން ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ފޯރުކޮށްދެވުމަކީ ލިބޭ އުފަލެކަމަށެވެ. އަދި މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން މިދިޔަ އަހަރެއްހާ ދުވަސްތެރޭ ބޭންކުން ވަނީ 11 ރަށެއްގައި އަލަށް ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވައި، އިތުރު 5 ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމްތައް ސެލްފް ސަރވިސް ބޭންކިންގ ހިދުމަތްތައް ލިބޭނެހެން ބަދަލުކޮށްފައިވަކަމަށް ސޯޔަރ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 68 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 129 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ބޭންކުން ބުނެއެވެ.