ކުޅިވަރު

ޕެލިކަންސް އާއި ސިކްސަރސް ބައްދަލުކުރިމެޗް ޕެލިކަންސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ނިއުއޯލިއަންސް ޕެލިކަންސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރިމެޗް ޕެލިކަންސް ކާމިޔާބުކޮށްފިއެވެ. މިމެޗް ޕެލިކަންސް ކާމިޔާބުކުރީ 101 ޕޮއިންޓް 94 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޕެލިކަންސްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 37 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގާ 8 އެސިސްޓް ދިން ޒިއޮން ވިލިއަމްސަންއެވެ. އަދި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގާދިން ޓޯބިއަސް ހެރިސްއެވެ.

މިމުބާރާތުގައި އެޓްލާންޓާ ހޯކްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ. މިމެޗްގައި ހޯކްސްގެ ޓްރެއި ޔަންގް ވަނީ އެޓީމަށް 42 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ 9 އެސިސްޓް ކޮށްފައެވެ. އަދި ބުލްސްގެ ޒެކް ލެވީންވަނީ އެޓީމަށް 50 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާފައެވެ. މީގެއިތުރުން މިމުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް އޯވަރޓައިމް ކުޅެގެން 145 ޕޮއިންޓް 136 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެވެ. މިމެޗްގައި ސެލްޓިކްސްގެ ޖޭސަން ޓަޓުމް ވަނީ އެޓީމަށް 53 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާފައެވެ. އަދި ވުލްވްސްގެ ކަރލް އެންތަނީ ޓައުންސްވަނީ އެޓީމަށް 30 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގާ 7 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ނިއުޔޯކް ނިކްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް އޯވަރޓައިމް ކުޅެގެން 133 ޕޮއިންޓް 129 ޕޮއިންޓުން ނިކްސް ކާމިޔާބުކުރިއިރު އިންޑިއާނާ ޕޭސަރސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރިމެޗް 111 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުކުރީ ޕޭސަރސްއެވެ.