ހޮންގް ކޮންގުން ހިޖުރަކުރާ މީހުންނަށް އެހީތެރިވުމަށް އިނގިރޭސިވިލާތުން 59 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.
ޗައިނާއިން ހޮންގް ކޮންގުގައި އައު ސަލާމަތީ ޤާނޫނެއް ތަންފީޒުކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ ފިއްތުންތަކާ ގުޅިގެން ހޮންގް ކޮންގުގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ޤައުމު ދޫކޮށް ދާން ބޭނުންވެފައެވެ. އިނގިރޭސިވިލާތުންވަނީ ހޮންގް ކޮންގުގެ ފަސް މިލިއަން ރައްޔިތުންނަށް އެ ޤައުމަށް ހިޖުރަކޮށް ވަޒީފާ ޢަދާކޮށް ޤައުމުގެ ރަށްވެހިންނަށްވުމުގެ ފުރުޞަތު ދިނުމަށް ނިންމައިފައެވެ.
ހޮންގް ކޮންގުގެ ހިޖުރަވެރިންނަށް އެހީތެރިވުމަށް އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ބަޖެޓު ބޭނުންކުރާނީ ހިޖުރަވެރިންނަށް ވަޒީފާއާއި ގެދޮރާއި ތަޢުލީމުގެ ފުރުޞަތުތައް ހޯދައިދިނުމަށެވެ. ޞިއްޙީ ޚިދުމަތްތަކަށާއި މަދަރުސާތަކަށް ދަފުތަރުވުންފަދަ ކަންކަމުގައި ހިޖުރަވެރިންނަށް އެހީތެރިވެދިނުމަށް އިންޓަނެޓު މެދުވެރިކޮށް ހިންގާ 12 ސަރަޙައްދީ އިދާރާ ޤާއިމުކުރުމަށްވެސްވަނީ ނިންމައިފައެވެ. އިނގިރޭސިވިލާތުގައި ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މަޢުލޫމާތުވެސް އެ އިދާރާތަކުން ފޯރުކޮށްދޭނެއެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ ހޮންގް ކޮންގުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުން ފަށައި ޙަރަކާތުގެ ސަބަބުން ގަދަރުވެރި ދިރިއުޅުމެއް ލިބުމަށް ހިޖުރަވެރިންނަށް މަގުފަހިވެގެންދާނެކަމަށެވެ.
ޗައިނާއިން ހޮންގް ކޮންގުގައި ސަލާމަތީ ޤާނޫނެއް ތަންފީޒުކުރުމުން ހޮންގް ކޮންގުގެ ހައްޤުގައި އަޑުއުފުލުމަކީ އިނގިރޭސިވިލާތުގެ ޒިންމާއެއްކަމަށް ޤަބޫލުކުރާކަމަށް އެ ޤައުމުން ބުނެއެވެ. އިނގިރޭސިވިލާތުން ބުނީ ޗައިނާއިން ހޮންގް ކޮންގުގައި ސަލާމަތީ ޤާނޫނެއް ތަންފީޒުކުރުމަކީ 1997ވަނަ އަހަރު އިނގިރޭސިންގެ ބެލުމުގެ ދަށުން ޗައިނާގެ ބެލުމުގެ ދަށަށް ހޮންގް ކޮންގު ޙަވާލުކުރުމުގައި އިނގިރޭސިވިލާތާއި ޗައިނާއާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ ޚިލާފުކަމެއްކަމަށެވެ.
ހޮންގް ކޮންގުގެ ރައްޔިތުންނަށް އަމާޒުކޮށް މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އިނގިރޭސިވިލާތުން ތަޢާރަފުކުރި ވިޒާ ދޫކުރުމުގެ ޙަރަކާތުގެ ދަށުން މިހާތަނަށް 27،000 މީހުންވަނީ ވިޒާއަށް އެދިފައެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 322،000 މީހުން އިނގިރޭސިވިލާތުގެ ވިޒާ ހޯދުމަށް އެދޭނެކަމަށް އެ ޤައުމުގެ ސަރުކާރުން ލަފާކުރެއެވެ. އިނގިރޭސިވިލާތުން ތަޢާރަފުކޮށްފައިވާ ވިޒާގެ ފުރުޞަތުތަކާމެދު ޗައިނާއިންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ޗައިނާއިން ބުނީ ހޮންގް ކޮންގާމެދު ޢަމަލުކުރާ ގޮތާމެދު ހުޅަނގުގެ ޤައުމުތަކަށް ވިސްނިފައިވަނީ ގޯސްކޮށްކަމަށެވެ.