އަހަރުގެ އެންމެ ބޮޑު ޓީޓުވެންޓީ ކްރިކެޓް މުބާރާތް ކަމަށްވާ އިންޑިއަން ޕްރިމިއަރ ލީގު ކްރިކެޓް މުބާރާތް މިއަދު ފެށޭނެއެވެ. އައިޕީއެލް ގެ 14 ވަނަ މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ މުމްބާއި އިންޑިއަންސް އާއި ރޯޔަލް ޗެލެންޖަރސް ބެންގަލޯއެވެ.
މިފަހަރުގެ މުބާރާތް ރޭވިފައިވާގޮތުން މުބާރާތުގައި ވާދަކުރާ 8 ޓީމްގެ މެދުގައި ކުޅޭ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ނިއުޓްރަލް ދަނޑުތަކުގައެވެ. މިގޮތުން މިފަހަރު މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަހްމެދާބާދު، ބެންގަލޯ، ޗެންނާއި، ދިއްލީ، މުންބާއީ އާއި ކަލްކަތާގައެވެ. ކޮންމެ ޓީމެއްގައި ބޭރު އަށް ކުޅުންތެރިން ހިމެނޭއިރު ކޮންމެ މެޗަކަށްނަގާ އެގާރަ ކުޅުން ތެރިން ތެރޭގައި ހިމެނޭނީ އޭގެތެރެއިން ހަތަރު ކުޅުންތެރިންނެވެ. އަދި މިމުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމްގެ މެދުގައި ޕްލޭ އޮފް ކުޅެ ދެޓީމް ފައިނަލަށް ދާނެއެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހު އަހްމެދާބާދުގައެވެ.
މިފަހަރުގެ މުބާރާތްވެސް ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ޤަބޫލް ކުރަނީ ފަސް ފަހަރަށް މިމުބާރާތް ކާމިޔާބުކޮށްފައިވާ އަދި އެންމެ ފަހުގެ ޗެމްޕިއަން މުމްބާއީ އިންޑިއަންސްއެވެ. މުމްބާއީ އިންޑިއަންސްއިންވަނީ މިސީޒަނަށް ޓީމް ވަރުގަދަ ކުރުމުގެ ގޮތުން އިންޑިއާގެ ސްޕިނަރ ޕުޔުޝް ޗައުލާ ގެންގޮސްފައެވެ. އަދި އެޓީމްގެ ބެޓިންއަށް ބަލާލާއިރު ކިއެރަން ޕޮލާޑް އާއި ރޮހިތު ޝަރްމާ އަދި ހަރްދިކް ޕަންޑްޔާ ފާހަގަކޮށްލެވެއެވެ. އަދި ކޯޗިން ޓީމަށް ބަލަލާއިރު ސްރީލަންކަގެ ކުރީގެ ތަރި މަހެލާ ޖަޔަވަރްދަނާ އާއި ސަޗިން ޓެންޑުލްކަރް ހިމެނެއެވެ.
މިއަދުގެ މެޗްގައި މުމްބާއީއާއި ދެކޮޅަށް ނިކުންނަ ރޯޔަލް ޗެލެންޖަރސް ބެންގަލޯއަށް ބަލާލާއިރު އެޓީމަކީވެސް ފާހަގަަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ. މިގޮތުން ޓީމްގެ ކެޕްޓަން އަދި އިންޑިއާ ޓީމްގެވެސް ކެޕްޓަން ވިރާތު ކޯލީއަކީ މިވަގުތު އެންމެ ފާހަގަ ކޮށްލެވޭ އެއް ބެޓްސްމަނެވެ. އަދި ދެކުނު އެފްރިކާގެ އޭބީ ޑެ ވިލިއަރ އަކީވެސް ފާހަގަކޮށްލެވޭ ބެޓްސްމަނެކެވެ. އަދި މިސީޒަނަށް އެޓީމުންވަނީ ވަރުގަދަ ކުރުމުގެ ގޮތުން ނިއުޒީލަންޑްގެ ކައިލް ޖެމީސަން އާއި އޮސްޓްރޭލިއަން އޯލް ރައުންޑަރ ގްލެން މެކްސްވެލް ގެންގޮސްފައެވެ. އާރްސީބީއިން މިފަހަރު މަސައްކަތް ކުރަމުންދަނީ މިދިޔަ މުބާރާތުގައި ދެވުނު ހިސާބު ކަމަށްވާ ސެމީފައިނަލަށްވުރެ ކުރިއަށް ގޮސް މިމުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމަށެވެ.
ކޯވިޑް-19 ގެ ސަބަބުން މިދިޔަ ސީޒަންގެ މުބާރާތް ބާއްވާފައިވަނީ އެކުވެރި އަރަބި އިމާރާތުގައެވެ. އަދި މިފަހަރުގެ މުބާރާތްވެސް ފެށުމަށް ހަމަޖެހިފައިވަނީ ކޯވިޑް-19 ތުރެމުންދާތީ ކުޅިބެލުންތެރިން ނުވައްދައެވެ.