ކުޅިވަރު

ކުޅިބެލުންތެރިން ވެއްދޭނެކަމުގެ އުންމީދުގައި ފްރެންޗް އޯޕަން ފަސްކޮށްފި


ކުޅިބެލުންތެރިން ގިނަ އަދަދަކަށް ވެއްދޭނެކަމުގެ އުންމީދާއެކު އަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތް ފަށާ ތާރީހް އެއްހަފްތާއަށް ފަސްކޮށްފިއެވެ. އެހެން ކަމުން މިހާރު ފްރެންޗް އޯޕަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.

ފަރަންސޭސިވިލާތުން މިހާރުވަނީ ކޯވިޑް-19 ފެތުރުން އިތުރުވެފައިވުމުގެ ސަބަބުން ތިންވަނަ ބުރަކަށް މުޅިޤައުމު ލޮކްޑައުން ކޮށްފައެވެ. އަދި ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން ހާމަކުރެއްވިގޮތުގައި އެޤައުމުގައި ކޮރޯނާ ވައިރަހުގެ ކަންތައްތައް މެއިމަހުގެ މެދުތެރޭގައި އަލުން ހަމައަކަށްއެޅި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެވެން ފެއްޓޭނެއެވެ. ފްރެންޗް ޓެނިސް ފެޑެރޭޝަނުން ހާމަކުރިގޮތުގައި ރޯލަންޑް ގަރޯސްގެ ނަމުން މަޝްހޫރުވެފައިވާ މިމުބާރާތް ފަސްކުރުން އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި މުބާރާތް ފެށުން ހަފްތާއަކަށް މިފަސްކުރީ ފަރަންސޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކާއި ޓެނިހުގެ ބައިނަލްއަޤްވާމީ މައި އިދާރާ އާއި މުބާރާތުގެ ޕާޓްނަރުންނާއި ބްރޯޑްކާސްޓަރުންނާއި ޑަބްލިއުޓީއޭ އާއި އޭޓީޕީ އާއެކު ބޭއްވުނު މަޝްވަރާތަކަށްފަހު ކަމަށް ފްރެންޗް ޓެނިސް ފެޑެރޭޝަނުން ހާމަކުރެއެވެ.

މިދިޔަ ސީޒަންގައިވެސް ފްރެންޗް އޯޕަން ވަނީ ކޯވިޑް-19ގެ ސަބަބުން ފަސްކޮށްފައެވެ. މިބަދަލާއެކު މިފަހަރު ފްރެންޗް އޯޕަން ނިމޭނީ އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިންބަލްޑަން ޓެނިސް މުބާރާތް ފެށެން ދެހަފްތާއަށް ވެފައިވަނިކޮށެވެ. އަދި މިގެނައި ބަދަލުގެ ސަބަބުން އޭޓީޕީއާއި ޑާބްލިއުޓީއޭގެ ކަލަންޑަރަށް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކުރާނެއެވެ. އެއީ އަހަރުގެ ގްރާސް ކޯޓް ސީޒަން ޖޫން މަހުގެ ހަތްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިއޮތުމުންނެވެ. އަދި އޭޓީޕީ އާއި ޑާބްލިއުޓީއޭއިން ގުޅިގެން ނެރުނު ބަޔާނެއްގައިވަނީ މިބަދަލުގެ ސަބަބުން އަސަރުކޮށްފައިވާ ފަރާތްތަކާއެކު މަޝްވަރާތަށް ބާއްވަމުންދާކަން ހާމަކޮށްފައެވެ.