ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި


ސަރުކާރުގެ ފަރާތުން، މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދު މަނިކު ހުށަހަޅުއްވާފައިވާ، ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ. 

މިބިލު ރައްޔިތުންގެ މަޖިލިހަށް ބަލައިގަތުމަށް ފާސްވީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ. މިބިލު މަޖިލީހަށް ބަލައިގަތުމަށްފަހު އިތުރަށް ދިރާސާކުރުމަށް ފޮނުވާފައިވަނީ އިޤްތިޞާދީ ކޮމިޓީއަށެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 4 ނޮވެންބަރު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މިބިލުގެ ބޭނުމަކީ ޓްރާސްޕޯޓް އޮތޯރިޓިން ކުރާ ކަންތައް ޤާނޫނެއްގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖެއްސުމެވެ. އަދި މިހާރު އޮތް ގޮތާއި ހިލާފަށް އެ އޮތޯރިޓީ ހިންގާ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވާނީ ޑިރެކްޓަރ ޖެނަރަލެއް ކަމަށާއި އޮތޯރިޓީ ހިނގާނީ މިނިވަން ބޯޑެއްގެ ލަފާގެ މަތިން ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުންކަމަށްވެސް މިއިސްލާހުގައިވެއެވެ.