ސިއްހަތު

ރަށުގައި ތިބެގެން ފަސޭހަކަމާއިއެކު ޞިއްޙީ ޚިދުމަތްތައް ލިބޭނެގޮތް ހެދުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތު - ނައިބު ރައީސް


ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެބައެއްގެ އަމިއްލަ ރަށުގައި ތިބެގެން ފަސޭހަކަމާއިއެކު ޞިއްޙީ ޚިދުމަތްތައް ހޯދޭނެގޮތް ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ހަދާފައިވާ "ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ" އިފްތިތާޙު ކުރުމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މި ސަރުކާރުގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ މަޝްރޫޢު ވަރަށް ހަލުވިކޮށް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި މިއަދު ފެނިގެން މިދަނީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބޮޑު އިންޤިލާބީ ބަދަލުތަކެއް އަންނަމުންދާތަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ އެގޮތުން، މިއަހަރު އެކަނިވެސް ސަރުކާރުން ޞިއްޙީ ޚިދުމަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް ބޮޑު ހޭދައެއް ކޮށްފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށުން ބޭރަށް ދަތުރުކުރަންޖެހޭ މީހުންގެ ޢަދަދު މިދިޔަ ދެ އަހަރު ވަރަށް ބޮޑުތަން ދަށްވެފައިވާކަމަށެވެ. އަދި މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކުގެ ސަބަބުން ޚިދުމަތްތައް ލާމަރުކަޒުކުރެވި، ކުރިން ކައުންސިލްތަކުން ނިގުޅައިގަނެފައިވާ ގިނަ ބާރުތަކެއް އަލުން އަނބުރާ ކައުންސިލްތަކަށް ލިބިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ކުރިމަގުގައި ރަށްރަށުގެ ޚިދުމަތްތައް ތަރައްޤީކޮށް، އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ފުޅާވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ކައުންސިލްތަކުގެ އެއްބާރުލުމާއެކު ވަރަށް ގިނަ ޚިދުމަތްތަކެއް ރަށްރަށުގައި ތަޢާރަފު ކުރެވޭނެކަމުގެ އުންމީދު އޮތްކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވައްމުން ދިވެހިރާއްޖޭގެ އުތުރުގައިވެސް މިއަދު އައްޑޫގައި މި ފެށި ފަދަ ޚިދުމަތްތައް ފެށުމުގެ މަސައްކަތް މި ސަރުކާރުން ކުރިޔަށްގެންދާނެ ކަމުގައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، އޭ.އީ.އެޗްގެ ބެލުމުގެ ދަށުން ޤާއިމުކޮއްފައިވާ މި ސެންޓަރުން ކްލިނިކަލް ސައިކޮލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސްޕީޗް ތެރަޕީގެ ޙިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. މި ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެއްތަނަކުން ލިބޭނެގޮތަށް އިސްކަންދީގެން އަދި އައްޑޫސިޓީގައި ކުރިޔަށްގެންދާ ސްޕެޝަލް ނީޑް ކްލާސްތަކާ އެފަދަ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާވެސް ގުޅިގެން ވަށާޖެހޭ ގޮތެއްގައެވެ.