ޚަބަރު

ހުޅުމާލެ 1500 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި


ސަރުކާރުގެ
ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ފަނަރަ
ސަތޭކަ ހައުސިން ޔުނިޓް އިމާރާތްކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން
ކޯޕަރޭޝަނާއި މިއަދު ހަވާލުކޮށްފިއެވެ.



ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި
ސޮއިކުރެއްވީ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒާއި، ޗައިނާ މެޝިނަރީ
އިންޖިނިއަރިން ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރ ޝީ ޖިން ޓާއޯއެވެ.



ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ފަނަރަ ސަތޭކަ ހައުސިން ޔުނިޓް އިމާރާތް
ކުުރުމަށް ހަމަޖެހިފައިވަނީ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގައެވެ.



 މިރަސްމިއްޔާތުގައި
ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ،
މިއީ ދެވަނަ ފިޔަވަހީގައި ތަަރައްގީކުރާ ފުރަތަމަ ހައުސިން ޔުނިޓްތައް ކަމަށެވެ. މި
މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާ ދެހާސް އަށާރަވަނަ އަހަރު
ނިންމާލެވޭނެ ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.  



ޗައިނާ މެޝިނަރީ އިންޖިނިއަރިން
ކޯޕަރޭޝަންގެ މެނޭޖަރ ޝީ ޖިން ޓާއޯ ދެއްކެވި ވާހަކަފުޅުގައި މިހާރު ހުޅުމާލޭގައި
އިމާރާތްކޮށްފައިވާ އެއްހާސް ހައުސިން ޔުނިޓަކީވެސް އެ ކުންފުނިން ކޮށްފައިވާ
މަސައްކަތެއްކަން ފާހަގަކޮށް ރާއްޖޭގެ ގެދޮރިވެރި ކަމުގެ ސިޔާސަތުތައް ތަންފީޒު
ކުރުމަށް އެ ކުންފުންޏާއި، ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ
ކަމަށް ވިދާޅުވިއެވެ.



ސަރުކާރުގެ ބޯހިޔާވަހިކަމުގެ
ސިޔާސަތުގެ ދަށުން ސަރުކާރުން އެންމެ އިސްކަންދީފައިވަނީ ހުޅުމާލޭގައި ހައުސިން
ޔުނިޓްތައް އިމާރާތްކޮށް، އާބާދީ ކުދި ރަށްތަކުން ހުޅުމާލެއަށް މީހުން ބަދަލުކުރުމަށެވެ.
އެކަމާއި ގުޅޭ އިދާރީ މަސައްކަތްތައް އެކި މަރުހަލާތަކުގައި މިހާރުވެސް ކުރިއަށްދާ
ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން މެދުފަންތިއާއި މަތީ
ފަންތިއަށް ޚާއްސަކޮށްގެން ތިން ހާސް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑަށް މިދިޔަ
އަހަރު ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.