ޚަބަރު

ކޯވިޑް-19ގެ އަސްލު ދެނެގަތުމަށް އިތުރު ތަޙުޤީޤުތަކެއް ކުރަންޖެހޭ: ސައިންސުވެރިން


ކޯވިޑް-19ގެ އަސްލާއި އެ ބަލި އެންމެ ފުރަތަމަ ފެތުރުނު ގޮތައި ގުޅޭގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބުލިޔުއެޗުއޯއިން ނެރެފައިވާ ރިޕޯޓާމެދު ހުރި ކަންބޮޑުވުންތައް ޙިއްޞާކޮށް ބަޔާނެއް ނެރެފިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި މަސައްކަތްކުރާ ފުންނާބުއުސް ސައިންސުވެރިންނާއި ޞިއްޙީ މާހިރުން ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ޗައިނާއަށް ދަތުރުކޮށް ޑަބުލިޔުއެޗުއޯގެ ސައިންސުވެރިންގެ ވަފުދަކުން ކުރި ތަޙުޤީޤުން ކޯވިޑް-19ގެ އަސްލާ ގުޅޭގޮތުން އެކަށީގެންވާ މަޢުލޫމާތެއް ހޯދިފައިނުވާކަމަށެވެ. ވިލާތާއި އެމެރިކާއާއި އޮސްޓްރޭލިޔާއާއި ޖަޕާނުގެ 24 ސައިންސުވެރިން ހިމެނޭ އެ ވަފުދުން ބުނީ އެ ތަޙުޤީޤުގައި ސިޔާސީ ކުލަވަރު ޖެހިފައިވާކަމަށެވެ. އަދި އެ ތަޙުޤީޤަށް ޗައިނާގެ ފަރާތުން ލިބުނު އެއްބާރުލުން ވަރަށް ކުޑަކަމަށް ސައިންސުވެރިންވަނީ ފާހަގަކޮށްފައެވެ.

ޑަބުލިޔުއެޗުއޯގެ ތަޙުޤީޤީ ވަފުދުން ޗައިނާއަށް ކުރި ދަތުރަށްފަހު ނެރުނު ރިޕޯޓުގައި ބުނީ އިންސާނުންނަށް ކޯވިޑް-19 ޖެހުނީ ޖަނަވާރުންގެ ޒަރިއްޔާއިންކަމަށް ބުރަވެވޭކަމަށެވެ. އަދި ބަލިމަޑުކަން ފެތުރެން މެދުވެރިވީ ލެބޯޓުރީއަކުންކަމަށް ނުބެލެވޭކަމަށްވަނީ ބުނެފައެވެ.

ސައިންސުވެރިންގެ ވަފުދުން ނެރުނު ބަޔާނުގައި ބުނީ ޑަބުލިޔުއެޗުއޯގެ ދިރާސާ ބިނާކޮށްފައި އޮތީ ޗައިނާއިން ކޮށްފައިވާ ދިރާސާގެ މައްޗަށްކަމަށާއި ޗައިނާގެ ދިރާސާގެ ހޯދުންތަކަކީ ޝާޢިރުކޮށްފައިވާ ނަތީޖާތަކެއް ނޫންކަމަށެވެ. ތަޙުޤީޤަށް މުހިންމު ގިނަ ލިޔެކިޔުންތަކާއި މަޢުލޫމާތު ލިބިފައި ނުވާކަމަށާއި ވައިރަހުގެ އެކި ސާންޕަލުތައް ބެލުމުގެ ފުރުޞަތުވެސް ލިބިފައި ނުވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ޗައިނާގެ އެއްބާރުލުމާ ނުލައިވެސް ކޯވިޑް-19ގެ އަސްލާ ގުޅޭގޮތުން އިތުރު ތަޙުޤީޤުތަކެއް ކުރަންޖެހޭކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

ޑަބުލިޔުއެޗުއޯގެ ތަޙުޤީޤަށް ޗައިނާގެ ފަރާތުން އެންމެ ފުރިހަމައަށް މަޢުލޫމާތު ނުދޭކަމަށް އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިޔޭސުސްވެސްވަނީ ތުހުމަތުކުރައްވައިފައެވެ. އެ ތުހުމަތުތަކާ ގުޅޭގޮތުން ތަޙުޤީޤުގައި ޗައިނާގެ ފަރާތުން އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތް އެ ޤައުމުގެ އިސް ޞިއްޚީ މާހިރެއްކަމަށްވާ ލިއަންގު ވަނިއަންވަނީ ޗައިނާއިން އެއްވެސް މަޢުލޫމާތެއް ސިއްރުކޮށްފައި ނުވާނެކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ބަލީގެ އަސްލު ދެނެގަތުމަށް ޗައިނާއިން އަދިވެސް މަސައްކަތް ކުރާނެކަމަށާއި ނަމަވެސް ޑަބުލިޔުއެޗުއޯއިން ކުރާ ދިރާސާތަކުގައި ޗައިނާއިން ދެން ބައިވެރިނުވާނެކަމަށެވެ.