ޚަބަރު

ރިހެބް ސެންޓަރުތައް އަމިއްލަ ފަރާތްތަކަށް ދިނުމާއި ބެހޭ އިސްލާހު


މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ސަރުކާރުން
ކަނޑައަޅާ އުސޫލުތަކާއި ޝަރުތުތަކާއި އެއްގޮތްވާގޮތުގެ މަތިން ފަރުވާ ހޯދައިދޭ ރިހެބިލިޓޭޝަން
ސެންޓަރުތައް އަމިއްލަ ފަރާތްތަކާ ހަވާލުކުރާ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ
ގާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.

ހޮޅުދޫ ދާއިރާގެ
މެމްބަރު އަލީ މުހައްމަދު މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ހުށައެޅުއްވި މި އިސްލާހު
ބަލައިގަތީ ވޯޓުގައި ބައިވެރިވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ
މުހައްމަދު ހުށައެޅުއްވި މިއިސްލާހުގެ މަޤްޞަދުގައި ބުނެފައިވަނީ، މަސްތުވާތަކެއްޗަށް
ފަރުވާދޭ މަރުކަޒުތައް ވަކިވަކިން ޤާއިމްކުރުމުގެ ބަދަލުގައި އެކި ބާވަތުގެ
ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ފަދަޔަކުން ޚިދުމަތް ބައްޓަންކުރުމަށް
މަގުފަހިކުރުންކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހިންގޭ ފަރުވާދޭ
މަރުކަޒުތައް ސަރުކާރުން ކަނޑައަޅާ އުޞޫލޫލުތަކާއި، ޝަރުތުތަކާއި އެއްގޮތްވާ
ގޮތުގެމަތިން އަމިއްލަ ފަރާތްތަކާއި ޙަވާލުކޮށްގެން ހިންގޭނެ މަގުފަހިކުރުމަށާއި،
މަސްތުވާތަކެތި ބޭނުންކުރާ މީހުން ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރަށް
ފަރުވާއަށް  ފޮނުވޭނެ އުޞޫލުތައް ތައާރަފްކުރުންކަމަށް
ބުނެފައިވެއެވެ.  
މިއިސްލާހުގައި ބުނެފައި ވަނީ މި އިސްލާހު މަޖިލީހުން
ފާސްވެ އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ޑިޓޮފިކޭޝަން
މަރުކަޒަކާއި،
ޑްރަގު ޓްރީޓުމަންޓު އެންޑު ރިހަބިލިޓޭޝަން މަރުކަޒަކާއި ކުޑަކުދިންނަށް ޚާއްސަ
ޓްރީޓުމަންޓު އެންޑް ރިހަބިލިޓޭޝަން މަރުކަޒެއްގެ އިތުރުން އަންހެނުންނަށް ޚާއްސަ
ޓްރީޓުމަންޓު އެންޑް ރިހަބިލިޓޭޝަން މަރުކަޒެއް ގާއިމުކުރަން ވާނެ ކަމަށެވެ.

ހަމައެއާއެކު ހާފުވޭ ހައުސެއް ވެސް ގާއިމުކުރަންޖެހޭނެ
ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. މިތަންތަން އަމިއްލަ ފަރާތްތަކާއި
ޙަވާލުކޮށްގެން ހިންގިދާނެކަމަށް ބުނެފައިވެއެވެ. އަދި އާއްމު ފަރާތްތަކަށް އެފަދަ މަރުކަޒުތައް ހިންގަން ހަވާލުކުރާއިރު އެފަދަ
ތަންތަން ހިންގަން ހަވާލުކުރާނީ އެކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ކުރެވޭ
އާއްމު އިއުލާނެއްގެ ތެރެއިން ކަމަށްވެސް ބުނެފައިވެއެވެ. މިއިސްލާހަށް ޖުމްލަކޮށް ހުރިހާ މެމްބަރުންވެސް
ތާއިދުކުރެއްވި. މެމްބަރުން ވިދާޅުވީ މިއިސްލާހަކީ ރާއްޖޭގައި ފަރުވާއަށް
ބޭނުންވާ ފަނަރަ ސަތޭކައެއްހާ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުއްމީދަކަށް
ވާނެކަމަށާއި، މުޖުތަމައުގެ އެހެން މީހުންނެކޭ އެއްހަމައަށް އައުމަށް ލިބޭ
ފުރުސަތަކަށް ވެގެންދާނެކަމަށެވެ. 

މީގެއިތުރުން މިއިސްލާހު މަޖިލީހުން
ފާސްވެ  ގާނޫނަށް އަމަލުކުރަން ފަށާތާ ހަ
މަސްދުވަހުގެ ތެރޭގައި ޑްރަގު އޮފެންޑާ ރިމާންޑު ސެންޓަރެއް އުފައްދަންވާނެ ކަމަށާއި،
އެ ސެންޓަރު ހިންގާނީ ސަރުކާރުން ކަމަށް ބުނެފައިވެއެވެ.

އަދި އެއްވެސް އެހެން ފަރާތަކަށް އެ ސެންޓަރު
ހިންގުން ހަވާލު ކުރެވިގެން ނުވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.