ވިޔަފާރި

ދަނޑުވެރިންގެ ކަންބޮޑުވުން އޮޅުންފިލުވުމަށް އެގްރޯނެޓުން ދަނޑުވެރިންގެ ގާތަށް


ދަނޑުވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވުމަށްޓަކައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯނެޓުގެ އިސްވެރިން ރަށްރަށައް ޒިޔާރަތްކުރަންފަށައިފިއެވެ. މި ދަތުރުގައި މިހާރު ގއ. އަތޮޅުގެ ރަށްރަށައް ދަނީ ދަތުރުކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެގްރޯނެޓުން ވިދާޅުވީ، ގއ. ގެމަނަފުށި، ކޮނޑޭ އަދި ނިލަންދޫގެ ދަނޑުވެރިންނާ ބައްދަލުކޮށްފައިވާކަމަށެވެ. މި ދަތުރުގައި އެގްރޯނެޓްގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙާރޫން ރަޝީދުއެވެ.

މި ދަތުރުގައި މި ރަށްރަށުގެ ދަނޑުވެރިންނަށް މިހާރު ދިމާވެފައިވާ ދަތިތައް އެގްރޯނެޓުން ވަނީ އޮޅުންފިލުވާފައެވެ. އެގްރޯނެޓުން ވިދާޅުވީ، ދަނޑުވެރިންގެ ހުރި މައިގަނޑު ކަންބޮޑުވުމަކީ ދަނޑުވެރިކަމުގައި ހައްދާ ތަކެތި މާކެޓް ކުރުމަށް ހުރި ގޮންޖެހުންތަކާއި ދަނޑުވެރިކަމުގައި ބޭނުންކުރާ އާލާތްތައް ހެޔޮ އަގުގައި ރަށުން ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނެތުންކަމަށެވެ. މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިން މިހާރު ވަނީ ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދަނޑުވެރިންނަށް އެހީތެރިވެދިނުމަށް "ސްޓާޓްއަޕް ޕެކޭޖެއް" ދޭންފަށާފައެވެ. އެގްރޯނެޓުން ދަނޑުވެރިންނަށް ދޫކުރާ "ސްޓާޓްއަޕް ޕެކޭޖް" ނެގޭނީ އެ ކުންފުނިން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވެފައިވާ ދަނޑުވެރިންނަށެވެ. މި ޕެކޭޖްގެ ދަށުން އެ ކުންފުނިން ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރަން ބޭނުންވާ އާލާތްތައް ހެޔޮ އަގުގައި އިންސްޓޯލްމަންޓް އުސޫލުން ދޫކުރާނެއެވެ.

އެގްރޯނެޓުން ގއ. އަތޮޅަށް ކުރަމުން މިދާ ދަތުރުގައި ނިލަންދޫގެ އަންހެން ދަނޑުވެރިން އިސްނަގައިގެން ވަނީ މުޑުވައްކުރުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ. އެ ރަށުގައި 58 އަންހެން ދަނޑުވެރިން އަންނަނީ ދަނޑުވެރިކަމުގެ މަސައްކަތްކުރަމުންނެވެ.