ޚަބަރު

އަދީބުގެ މައްސަލަ ޕީޖީއަށް!


ފުލުހުނަށް ރިޝްވަތު ދިން މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ
މައްޗަށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް
ހުށައަޅައިފިއެވެ.



ފުލުހުން ބުނީ އެ މައްސަލަގައި
ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ހުށައެޅިނަމަވެސް އިސްލާހް ކުރަންޖެހޭ
ބައެއްކަންކަން ހުރުމުން އެކަންކަން ޕީޖީ އޮފީހާއި ގުޅިގެން ކުރިޔަށް
ގެންދާކަމަށެވެ. 



އަދީބްގެ މައްޗަށް ދައުވާކުރަން
ފޮނުވާފައި ވާއިރު ފުލުހުންގެ ބަޔަކަށް ރިޝްވަތުދިންކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ އިންޓެލިޖެންސް ރިޕޯރޓްތަކެއް
ހޯދާފައިވާކަމަށް މިމަހުގެ ފަސްވަނަ ދުވަހު ފުލުހުން ބުނެފައިވެއެވެ.

 ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން
ސުޕްރިޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވެފައިވަނީ ފުލުހުންގެ ބަޔަކަށް
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ރިޝްވަތު ދިންކަމަށް ތުހުމަތުކުރެވޭއިރު އެރިޝްވަތު
ހިފާ މާލީ ފައިދާ ހޯދިކަމަށް ފާހަގަކުރެވޭ ފުލުހުން އެކަން ތަހްގީގަށް
ކިޔާދީފައިވާކަމަށެވެ. 

އަދި އަދީބް ދިރިއުޅުނު ބައެއް ތަންތަން ބަލާފާސްކުރި އިރު އެ
ރިޕޯރޓްތައް ފެނިފައިވާކަމަށާއި އަދީބްގެ ގެއިން ފުލުހުންގެ ބައެއް އޮފިސަރުން
ދަންވަރު ގަޑީގައި ވަދެ ނިކުމެ ހަދާ ވީޑިއޯ ފުޓޭޖްތައްވެސް ލިބިފައިވާކަމަށްވެސް
ހަމްދޫން ރަޝީދް ވިދާޅުވިއެވެ.