ކުޅިވަރު

އެމްޑަބްލިއުއެސްސީން ދަރަވަންދޫ ޖިމަށް ބޭނުންވާ ސާމާނު ހަދިޔާކުރަނީ


މޯލްޑިވް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީން ބ.ދަރަވަންދޫގައި އަޅާ އިންޑޯ ޖިމްގެ ހުރިހާ ސާމާނެއް ފޯރުކޮށްދޭނެކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވެއްޖެއެވެ. ޝާޙް މިކަން ހާމަކުރެއްވީ ދަރަވަންދޫ ކައުސިލުން އިސްނަގައިގެން ސަރުކާރާ އާންމު ވިޔަފާރިވެރިންގެ އެޙީތެރިކަމާއެކު އެރަށުގައި އެޅި އިޖްތިމާއީ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޝާޙް ވިދާޅުވީ ސަރުކާރުން ޒުވާނުންގެ ކުރިއެރުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ތިއްބުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި، އެކަމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ޝާޙު ވަނީ ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ. ޝާހް ވިދާޅުވީ ދަރަވަންދުއަށް ބޭނުންވާ ޖިމް އިކިއުޕްމަންޓް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ އިޖްތިމާއީ ޙަރަކާތުގެ ދަށުންކަމަށާއި، މިކަމުގެ ސަބަބުން އެކުންފުންޏާ އެރަށު ރައްޔިތުންނާމެދުގައި އޮންނަ ގުޅުން އިތުރު ބަދަހިވާނެކަމަށް އުންމީދުކުރާކަމަށް ޝާހް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން އަންނަނީ އެރަށުގައި ނަރުދަމާގެ މަސައްކަތްފެށުމަށް ތައްޔާރުވަމުންނެވެ. ޝާހް ވިދާޅުވީ މި މަސައްކަތުގެ ދަށުން ރައްޔިތުން ބެނުންވާ އިޖްތިމާއީ ކަންކަން ކައުންސިލުން އެދުމުން ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރަށް އޮންނާނެކަމަށެވެ.