ވިޔަފާރި

ދަތިތައް ދެނެގަނެ ހައްލު ހޯދައިދިނުމަށް އެމްޕީއެލްއިން އިމްޕޯޓަރުންނާއި ބައްދަލުކޮށްފި


ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި މުދާ އެތެރެކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި އެމްޕީއެލްއެލްއިން ބައްދަލުކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްއިން ވިދާޅުވީ މިބައްދަލުވުމުގެ މަޤްސަދަކީ އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލު ހޯދައިދީ ޚިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތައް ދެނެގަތުން ކަމަށެވެ.

މި ބައްދަލުވުމުގައި 20 އަށް ވުރެ ގިނަ އިމްޕޯޓަރުން ބައިވެރިވެފައިވެއެވެ. ޕޯޓުގެ ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުންތައް ބަލއިގަނެ އެކަންކަން ވީހާވެސް އަވަހަށް ހައްލުކުރުމަކީ އެކުންފުނީގެ އެންމެ ބޮޑު އެއް އަމާޒުކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ.

އެމްޕީއެލްއިންވަނީ ސިލްސިލާކޮށް މިފަދަ ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައެވެ. ރޯދަ މަހަކީ ވިޔަފާރި ބަނދަރަށް ބާރު ބޮޑު މަހަކަށް ވީ ނަމަވެސް، ވީހާވެސް އަވަހަށް މުދާ ކްލިއަރ ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށްވެސް އެމްޕީއެލްއިން ހާމަކުރެއެވެ.

އެމްޕީއެލްއިންވަނީ މިއަހަރުގެ ކުރީކޮޅު ރާއްޖޭގެ ޝިޕިންގް އެޖެންޓުންނާއި ވެސް ބައްދަލުކޮށްފައެވެ. މިފަދަ ބައްދަލުވުންތަކުގައި ޕޯޓުގެ ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކުން ފާހަގަކުރާ ކަންކަން ބަލައިގަނެ އެ ކަންކަން ހައްލުކުރުމަށް އިސްކަންދޭ ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.