ވިޔަފާރި

އެސް.ޓީ.އޯގެ ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުގައި ވިއްކައިދޭނެ އެޖެންޓުން ހޯދަނީ


ކޮންސްޓްރަކްޝަން ސާމާނު ރާއްޖޭގެ ރަށްރަށުގައި ވިއްކާދިނުމުގެ މަސައްކަތް ކޮށްދޭނެ އެޖެންޓުން ހޯދުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފިއެވެ.

އެސް.ޓީ.އޯ އިން ވިދާޅުވީ، އެކުންފުނިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުންނަށްވުމުގެ ފުރުސަތު ބުދަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެޖެންޓުން ނެގުމަށް ހަމަޖެހިފައިވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައެވެ.

އެޖެންޓުންގެ މަސައްކަތަކަށްވާނީ އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ކަނޑައަޅާފައިވާ އަތޮޅުތަކުގައި ވިއްކުމުގެ ޚިދުމަތް ދިނުން ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. އެގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ ސިމެންތި ،ހިލަ، ހިލަވެލި، ދަގަނޑު، ފްލައިވުޑް، ދަގަނޑު، ހޮޅީގެ އިތުރުން ޓިނު އަދި ޓިނާއި ބެހޭ ސާމާނެވެ.

ކޮންމެ އަތޮޅަކުން ނެގުމަށް ހަމަޖެހިފައި ވަނީ 02 (ދޭއް) އެޖެންޓުންނެވެ. އެގޮތުން ނެގޭ އެޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތައް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެޖެންޓު ކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ބީލަން ހުށަހެޅޭނީ ގިނަވެގެން 02 (ދޭއް) އަތޮޅަށް ކަމަށާއި، ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑި އަކީ، މިމަހުގެ 25ވަނަ ދުވަސް ކަމަށް އެސްޓީއޯއިންބުނެއެވެ.