ކުޅިވަރު

ނޭމާގެ މޮޅު ކުޅުމާއެކު ބާސެލޯނާ އެއްވަނައަށް




    ނޭމާގެ މޮޅު ކުޅުމާއެކު ވިޔަރެއާލް ބަލިކޮށް ސްޕެނިޝް ލަލީގާ ތާވަލްގެ
އެއްވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ރޭ ބާސެލޯނަ ވިޔަރެއާލްގެ
މައްޗަށް ކުރިހޯދީ ތިންލަނޑު ސުންލަނޑުންނެވެ.

މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ
ދެޓީމްކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފްގައި ބާސެލޯނާގެ
ފުރަތަމަ ލަނޑު ނޭމާ ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން
ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. މެޗް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް
ބާސާގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ނޭމާއެވެ. މިއީ މިސީޒަނުގައި ނޭމާ
ކާމިޔާބުކޮށްދިން އެންމެ ރީތި ލަނޑުކަމަށް ގިނަ ބަޔަކު އިއްތިފާޤުވެއެވެ.

ލީގުގެ
އެންމެ ކުރިން ބާސެލޯނާއަށް ތިން ޕޮއިންޓްގެ ލީޑެއް ލިބިފައިވާއިރު، ކުރިއަށް އޮތީ
ރެއާލްމެޑްރިޑާއެކު ވާދަކުރަން ޖެހޭ ކްލެސިކޯ މެޗެވެ. މިމެޗް ކުޅުމަށް
ތަވަލްކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. 

ސްޕެނިޝް ލީގުގައި މެޗަކުން ބަލިނުވެ ރެއާލް މެޑްރިޑުން ކުރިއަށްގެންދިޔަ
ކެމްޕެއިން ސެވިއްޔާއިން ވަނީ ހުއްޓުވާފައެވެ. ސެވިއްޔާ ދަނޑުގައި އެޓީމް
ރެއާލްމެޑްރިޑްގެ މައްޗަށް ކުރިހޯދީ ތިންލަނޑު ދެލަނޑުންނެވެ.

މެޗްގެ ފުރަތަމަ ލަނޑު
ޖަހާ ކުރި ހޯދީ ރެއާލްމެޑްރިޑުންނެވެ. މިލަނޑު ކެޕްޓަން ސާޖިއޯ ރާމޯސް ޖެހިއިރު، ލަނޑު
ޖަހަން އުޅުމުގެ ތެރޭގައި  ކޮނޑަށް ލިބުނު
އަނިޔާއަކާ ގުޅިގެން ރާމޯސް ބަދަލު ކުރަން ޖެހުނެވެ.

ރެއާލްގެ ލަނޑަށްފަހު ދެން
ފެނިގެންދިޔައީ ސެވިއްޔާގެ ތިންލަނޑެވެ. މި ތިންލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ
އިމޯބިލް، އެވާ ބަނޭގާ އަދި ލޮރެންޓޭއެވެ. ރެއާލްގެ ދެވަނަ ލަނޑު މެޗްގެ އިތުރު
ވަގުތުގައި ކާމިޔާބުކޮށްދިނީ އަނިޔާގެ ސަބަބުން ދެމަސްދުވަހު ކުޅުމާ ދުރުގައު
ހުރުމަށްފަހު އެނބުރިއައި ހަމޭސް ރޮޑްރިގޭޒްއެވެ.

މެޗުން ބަލިވެ ތާވަލްގެ ދެވަނައަށް
ރެއާލް ވެއްޓިފައިވާއިރު، ކުރިއަށް އޮތް ކްލެސިކޯ މެޗަށް އަނިޔާގައި ތިބި ކުޅުންތެރިން
ފިޓްވުމުގެ ފުރުސަތު އެބައޮތްކަމަށް ރެއާލްގެ ކޯޗް ބެނިތޭޒް ވަނީ ބުނެފައެވެ.
ކްލެސިކޯއަށް ތައްޔާރުވުމަށް ކުރިއަށް އޮތް އިންޓަރނޭޝަނަލް ބްރޭކްގައި ރެއާލްގެ
ބައެއް ކުޅުންތެރިން ޤައުމީ ޓީމާއެކު ނުދިއުމަށްވެސް ވަނީ ނިންމާފައެވެ.