ކުޅިވަރު

ތިންޕޫ ސިޓީ ބަލިކޮށް ކޮލިފައިންގެ 2ވަނަބުރުން އީގަލްސް ޖާގަ ހޯދައިފި


އޭއެފްސީ ކަޕުގެ ކޮލިފައިންގައިގެ ފުރަތަމަ މެޗް ކުލަބް އީގަލްސްއިން ކާމިޔާބުކޮށްފިއެވެ.

ނަތީޖާއެއް ނެރެން މަޖްބޫރު މެޗުން ކުލަބް އީގަލްސް މޮޅުވެފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ. މިމެޗުން މޮޅުވުމާއެކު ކުލަބް އީގަލްސް ކޮލިފައިންގެ ދެވަނަ ބުރުގައި ވާދަކުރާނީ ބަންގްލަދޭޝްގެ ބަޝުންދުރަ އެފްސީ އާއިއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މިއީ ބޫޓާންގެ ތިންޕޫ ސިޓީއިން ރާއްޖޭގެ ޓީމަކާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗްކަން ފާހަގަކޮށްލެވެއެވެ. އެންމެ ފުރަތަމަ 2015ވަނަ އަހަރު ތިންޕޫ ސިޓީވަނީ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ކުލަބް ވެލެންސިޔާއާއި ބައްދަލުކޮށްފައެވެ. ކޯވިޑްގެ ހާލަތާއި ގުޅިގެން މެޗް ފެށުމުގެ ކުރިން ދެޓީމްގެ ކުޅުންތެރިން ސަލާންކޮށްފައެއް ނުވެއެވެ.

މެޗް ފެށިގެން ކުލަބް އީގަލްސްއިން ކުޅެމުންދިޔައީ ވަރަށް އަވަސް ކުޅުމެއްކަން ފާހަގަކޮށްލެވެއެވެ. މެޗްގެ ދެވަނަ މިނެޓްގެ ތެރޭގައި އީގަލްސްއަށް ލިބުނު ހިލޭ ޖެހުން ފޮނުވާލާފައިވަނީ ރާއިފްއެވެ. ނަމަވެސް ރާއިފް ފޮނުވާލި ބޯޅަ ތިންޕޫގެ ކުޅުންތެރިންގެ ގައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. މެޗްގެ ކުރީކޮޅުގައި އީގަލްސްގެ އޮސާމާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ނަމަވެސް ތިންޕޫގެ ކީޕަރަށް އުސާމާ ފައުލް ކުރުމުގެ ސަބަބުން، އެފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އީގަލްސްގެ އިމްރާން ނަޝީދުވެސް އޭރިޔާގެ ތެރޭގައި ހުރެފައި ފޮނުވާލި ހަމަލާގައި ބާރެއް ނެތުމުގެ ސަބަބުން ތިންޕޫގެ ކީޕަރުވަނީ ފަސޭހަކަމާއެކު އެބޯޅަ ދިފާއުކޮށްފައެވެ.

ފުލުފުލުގައި ކުލަބް އީގަލްސްއިން ތިންޕޫގެ ގޯލަށް ނުރައްކާ ކުރުމުގެ ނަތީޖާއަކަށްވީ މެޗްގެ 9ވަނަ މިނެޓްގައި އީގަލްސްއަށް ލީޑުނެގުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ހަސަން ރާއިފްއެވެ. ނާއިމް ހުރަސްކޮށްލި ބޯޅަ އީގަލްސްގެ އުސާމާވެސް ޖެހުމަށް މަސައްކަތް ކުރި ނަމަވެސް، އޭރިޔާގެ ތެރޭގައި ހުރެފައި ރާއިފްވަނީ ތިންޕޫގެ ގޯލްގެ އަރިމަތީކަނަށް ބޯޅަ ވައްދާލާފައެވެ. މެޗުގެ ފުރަތަމަ 10ވަރަކަށް މިނެޓްގެ ތެރޭގައި ތިންޕޫއަށް އުފެއްދިފައިވަނީ އެންމެ ފުރުސަތެކެވެ. ނަމަވެސް އެފުރުސަތުގެވެސް ބޭނުން އެޓީމަށް ހިފޭގޮތެއް ނުވިއެވެ. މެޗްގެ ކުރީކޮޅުގައި އީގަލްސްގެ ކުރިއަށް ކުޅޭ ރާއިފް އާއި އޮސާމާގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނުއެވެ. އީގަލްސްގެ ލަނޑަށްފަހު އެޓީމު ފެނިގެންދިޔައީ ކޮންމެވެސް ވަރަކަށް ޑިފެސްއަށް ވިސްނައިގެން، ފަހަތަަށް ޖެހިގެން ކުޅެމުންދިޔަ ތަނެވެ. އެއާއެކު ތިންޕޫ ސިޓީގެ ކުޅުންތެރިން ޕާސްކޮށްގެން ކުޅެމުންދިޔައެވެ. ނަމަވެސް އެޓީމަށްވަނީ ޕާސް ކުރިނަމަވެސް މާރަގަނޅު ހަމަލާއެއް އުފެއްދޭގޮތް ނުވެފައެވެ. ފުރަތަމަ ހާފްގެ 30ވަނަ މިނެޓްގައި ތިންޕޫއިން އުފައްދަން މަސައްކަތްކުރި ހަމަލާވަނީ އީގަލްސްގެ ކީޕަރު މުހައްމަދު ތަހާ ދިފާޢުކޮށްފައެވެ. ފުރަތަމަ ހަފްގައި ކުލަބް އީގަލްސްއިން އުފައްދަން މަސައްކަތްކުރި ގިނަ ހަމަލަތައް ދިފާއުކޮށްފައިވަނީ ތިންޕޫގެ ގޯލް ކީޕަރެވެ. މެޗްގެ ފުރަތަމަ ހާފްގައި ތިންޕޫއަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ މެޗްގެ 40ވަނަ މިނެޓްގައެވެ. އީގަލްސްގެ އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޕަންޗުކޮށް ފޮނުވާލިނަމަވެސް، އެބޯޅަ ލިބުނީ އީގަލްސް އޭރިޔާ ބޭރުގައި ހުސްކޮށްހުރި އޮރިގެންއަށެވެ. ނަމަވެސް އޮރިގެން ހުސްކޮށް އޮތް ގޯލްގެ ތެރެއަށް ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ. މެޗްގެ އިތުރު ވަގުތުކޮޅުގެ ތެރޭގައިވެސް އީގަލްސްއަށް ލީޑް ފުޅާކުރުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނާއިމް ހުރަސްކޮށްލި ބޯޅަ ޖަހަން އުސާމާ މަސައްކަތް ކުރިނަމަވެސް، ތިންޕޫގެ ޑިފެންޑަރުވަނީ އެބޯޅަ ދިފާއުކޮށްފައެވެ.

މެޗްގެ ދެވަނަ ހާފްވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ކުލަބް އީގަލްސްއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. ދެވަނަ ހާފްގެ ވަރަސް ކުރީ ކޮޅުގައި ރާއިފްއަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ރާއިފް ހުރަސްކޮށްލަން މަސައްކަތް ކުރިބޯޅަ ތިންޕޫ ސިޓީގެ ކުޅުންތެރިންގެ ގައިގައި ޖެހިފައި ބޭރުވީ ކޯނަރަކަށެވެ. މެޗްގެ 49ވަނަ މިނެޓްގައި ނާއިމަށް ލިޑް ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބގެންދިޔައެވެ. ރާއިފް އޭރިޔާގައި ތެރެއަށް ވަންނަމުން، ހުސްކޮށްކުރި ބޯޅަ ލިބުނީ ނާއިމްއަށް. ނަމަވެސް ހުސްކޮށްހުރި ނާއިމް ގޯލްއާއި ދިމާލަށް ފޮނުވަލި ބާރު ހަމަލާ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. ދެވަނަ ހާފްގެ ފުރަތަމަ 10ވަރަކަށް މިނެޓްގެ ތެރޭގައި ރާއިފްއަށް ލީޑް އިތުރަށް ފުޅާކުރުމަށް ދެ ތިން ލިބިގެންދިޔައެވެ. ނަމަވެސް އީގެއިން އެއްވެސް ފުރުސަތެއް ރާއިފްއަށް ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. މިމެޗް ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔަ ކުލަބް އީގަލްސްއަށްް މިއީ ވަރަށް މުހިންމު މެޗްއެއްކަން ފާހަގަކޮށްލެވެއެވެ. އެއީ މިއީ ކުލަބް އީގަލްސްގެ ތާރީހުގައި އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅޭ ފުރަތަމަ ފަހަރުއެވެ. މެޗްގެ 65ވަނަ މިނެޓްގައި އިމްރާން ނަޝީދުއަށް ވަރަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަރިމަތިން ހުސްކޮށް ހުރެފައި އީގަލްސްގެ ބީދޭސީ ކުޅުންތެރިޔާ އޭރިޔާގެ ތެރެއަށް ވަންނަމުން އޭރިޔާގެ ބޭރުގައި ހުރި އިމްރާން ނަޝީދުއަށް ޖައްސާލި ބޯޅަ، އިމްރާން ފޮނުވަލި ނަމަވެސް އެބޯޅަވަނީ ތިންޕޫ ސިޓީގެ ކީޕަރު ދިފާާޢުކޮއްފައެވެ. މެޗްގެ ތިންޕޫ ސިޓީއަށް ގޯލް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމުގެ ޔެށީއަށެވެ. އީގަލްސް ފަހަތަށް ކުޅެމުންދިޔަ ކުޅުންތެރިނަށް ހެދުނު ގޯހަކުން، ލިބުނު ކޯނަރު ހުރަސްކޮށްލިއިރު، ފާޕޯސްޓްގައި ހުރެފައި ތިންޕޫ ސޓީގެ ޔެށީ ބޮލުން ފޮނުވާލީ ބާރު ހަމަލާ، ގޯލްގެ ރޮގުމަތިން ކަހަލަގޮތަށްކަށް އީގަލްސްގެ ކީޕަރު ތަހާވަނީ ދިފާާޢުކޮށްފައެވެ. އެބޯޅަ ގޯލްގެ ތެރެއަށް ވަންކަމަށް ތިންޕޫ ސިޓީގެ ކުޅުންތެރިން އެޕީލް ކުރިނަމަވެސް، ރެފްރީވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.


މިމެޗްގައި ރާއިފް އާއި ނާއިމްގެ ކޮންބިނޭޝަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އެގޮތުން މެޗްގެ 72ވަނަ މިމެޓްގައި ރާއިފް އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅަ ނާއިމް ޖަހަން މަސައްކަތް ކުރިނަމަވެސް، ތިންޕޫ ސިޓީގެ ކީޕަރުވަނީ ދިފާާއުކޮށްފައެވެ. ގޯލް ޖަހާނެ ރަގަނޅު ފުރުސަތެއް މެޗްގެ 76ވަނަ މިނެޓްގައި ތިންޕޫ ސިޓީއަށް ލިބިގެންދިޔައެވެ. ގޯލްގެ މަތީ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައިބޯޅަ ގޯލްގެ އަރިމަތި ދަނޑިކައިރީގައި ހުސްކޮށް ހުރި ތިންޕޫގެ ޓެންޒިން ބޮލުން ބޮޅަ ފޮނުވަލި ނަމަވެސް ، އެބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗްގެ ފުރަތަމަ ހާފްއާއި ހިލާފަށް ތިންޕޫ ސިޓީއަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަދި އެޓީމުން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަކަން ފާހަގަކޮށްލެވުނެވެ. މެޗްގެ ދެވަނަ ހާފްގެ ފަހުކޮޅުގައި އޮސާމާގެ ބަދަލްގައި، ގިނަ ދުވަސްތަކެއްވަންދެން ކުޅުމާއި ދުރުގައި ހުރެފައި އަލުން ކުޅުމުގެ ތެރެއަށް އައިސްފައިވާ ޔޫތް މިނިސްޓްރީގެ ސްޓޭޓް އައްސަދު އަލީ ކުޅެން އެރުވިއެވެ.

މެޗްގައި އީގަލްސްއަސް ލީޑް ފުޅާކޮށްދިނީ މެޗްގެ 88ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ނާއިމެވެ. ރާއިފަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުން ނައިމް ފޮނުވާލި ބާރު ބޯޅަ އަމާޒްވީ ގޯލުގެ މަތީ ދާގަނޑަށެވެ. މިލަނޑު ތިންޕޫ ސިޓީގެ ކީޕަރު މަތަކުރުމަށް މަސައްކަތް ކުރިނަމަވެސް، ކީޕަރުގެ އަތުގައި ޖެހިފައި ބޯޅަވަނީ ގޯލް
ތެރެއަށެވެ.