ޚަބަރު

ކާޑުގެ ބާވަތްތައް އަގުބޮޑުކޮށް ވިއްކާތޯ ބަލާނަން - ސަރުކާރު


ރަށްރަށުގައި ކާބޯތަކެތި ވިއްކަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކާ އެއްގޮތަށްތޯ ބަލަމުންދާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. މިމަސައްކަތްކުރަމުންގެންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެސްޓީއޯ ގުޅިގެންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައިސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށްވާތީ މިކަމަށް ޚާއްސަ އިސްކަމެއްދެއްވައިގެން އިކޮނޮމިކް މިނިސްޓްރީން ބަލަމުންގެންދާނެކަމަށެވެ. މަބްރޫކް ވިދާޅުވީ މިކަން ބަލަމުންގެންދާނީ މާލެއާއި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ބިޒްނަސް ސެންޓަރުތަކާއި ކާޑު ފޯރުކޮށްދޭ އޭޖެންޓުން މެދުވެރިކޮށްކަމަށެވެ. އެގޮތުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި މިފަދަ 217 އެޖެންޓުން ކަނޑައަޅާފައިވާ މަބްރޫކު ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހެޔޮ އަގެއްގައި ފޯރުކޮށްދެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަ ކުރައްވައި، ރައިސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، މިކަން ކުރުމަށް ކުރަންޖެހޭ އެންމެމުހިއްމު މަސައްކަތަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ސަޕްލައިއަށް ލޮޅުމެއް ނާރާނެގޮތަށް މަގު ފަހިކޮށްދިނުންކަމަށެވެ. މިގޮތުން އިމްޕޯޓް ކުރާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ޙައްލު ކޮށްދެއްވައި، މާލޭވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރެވޭ މިންވަރުވެސް އިތުރު ކޮށްފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ.

އެސްޓީއޯއިން ވަނީ ރަމަޟާންމަހަށް އަމާޒުކޮށް ފިޔާ، ބިސް، އަލުވި ޚާއްސަ އަގުތަކެއްގައި ވިއްކަން ފަށާފައެވެ. ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 9.50 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް 9 ރުފިޔާއަށް، އަދި ބިހެއް 1.40 ރުފިޔާއަށް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް މިއަހަރު ވިއްކަނީ 200 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް 185 ރުފިޔާއަށް ވިއްކާއިރު ބިސް ކޭހެއް 265 ރުފިޔާއަށް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއްވައެވެ.