ޚަބަރު

ޤަވާއިދާ ޚިލާފަށް މެލޭޝިޔާއަށް އެތެރެކޮށްފައިވާ ޕުލާސްޓިކު އަނބުރާ ފޮނުވާލައިފި


ޤަވާއިދާ ޚިލާފަށް މެލޭޝިޔާއަށް އެތެރެކޮށްފައިވާ ޕުލާސްޓިކް ކުނިބުނި ހުރި ކޮންޓެއިނަރުތަކެއް އެ ޤައުމުން އަނބުރާ ފޮނުވާލައިފިއެވެ.

2018ވަނަ އަހަރުގެ ތެރޭގައި ޗައިނާއަށް ޕުލާސްޓިކް ކުނި އެތެރެކުރުން މަނާކުރުމުން އެންމެ ގިނައިން ޕުލާސްޓިކް ކުނިބުނި ފޮނުވަނީ މެލޭޝިޔާއަށެވެ. ނަމަވެސް އެ ޤައުމަށް އެތެރެކުރާ ޕުލާސްޓިކު ކުނީގެ ތެރޭގައި ދެވަނަ ފަހަރަށް ބޭނުން ނުކުރެވޭ އަދި އެ ޤައުމަށް އެތެރެކުރުމުގެ ޙުއްދަ ނުދޭ ޕުލާސްޓިކުގެ ވައްތަރުތައް ހިމެނޭތީ އެ ޤައުމަށްވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

މެލޭޝިޔާއިން ބުނީ 2019ވަނަ އަހަރުން ފެށިގެން އެ ޤައުމަށް ޤަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ 267 ކޮންޓެއިނަރުގެ ޕުލާސްޓިކް އަނބުރާ އެ ތަކެތި ފޮނުވި ޤައުމުތަކަށް ފޮނުވާފައިވާކަމަށެވެ. އަދި އިތުރު 81 ކޮންޓެއިނަރުގެ ޕުލާސްޓިކު އަނބުރާ ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެ ޤައުމުން ބުނެއެވެ. މަލޭޝިޔާގެ ތިމާވެއްޓާބެހޭ ވަޒީރު ތުވާން އިބްރާހީމް ވިދާޅުވީ މެލޭޝިޔާގެ ތިމާވެއްޓާއި މުދާ އެތެރެކުރުމުގެ ޤާނޫނުތަކާ ޚިލާފަށް އެފަދަ ކުނިބުނި އެ ޤައުމަށް އެތެރެކުރާ ކުންފުނިތަކާއި އޭޖެންޓުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ.

ވިހަ ކުނިބުނި އެއް ޤައުމުން އަނެއް ޤައުމަށް ގެންދިޔުން މަދުކުރުމަށް 1989ވަނަ އަހަރުގެ ތެރޭގައި ސޮއިކޮށްފައިވާ ބާސެލް މުއާހަދާގައި އދން ހިމަނާފައިވާ އައު ޤަވާއިދުތަކަށް މިދިޔަ ޖަނަވަރީ މަހުގެ 1ވަނަ ދުވަހު ޢަމަލުކުރަންވަނީ ފަށައިފައެވެ. އަލަށް އިތުރުކުރި ޤަވާއިދުތަކުގެ ބޭނުމަކީ ދެވަނަ ފަހަރަށް ބޭނުން ކުރަން އުނދަގޫ ޕުލާސްޓިކުގެ ބާވަތްތައް އުފެއްދުން މަދުކޮށް މުއްސަނދި ޤައުމުތަކުން ކުރިއަރަމުން އަންނަ ޤައުމުތަކަށް އެފަދަ ކުނިބުނި ފޮނުވުން ހުއްޓުވުމެވެ. އެ މުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުގެ މެދުގައި ޕުލާސްޓިކު ކުނިބުނީގެ ވިޔަފާރި ކުރެވޭނީ އެ ޕުލާސްޓިކަކީ ސާފު އަދި ދެވަނަ ފަހަރަށް ބޭނުންކުރަން ފަސޭހަ ޕުލާސްޓިކުކަމަށްވާނަމައެވެ.