ކުޅިވަރު

ސިޓީ އާއި ޑޯޓްމުންޑްގެ ފުރަތަމަ ކުރިމަތިލުމުން ސިޓީ މޮޅު


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ އައި ބުންޑަސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ސިޓީއިންނެވެ. އަދި މިމެޗުގައި ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ވިސްނުންތެރިކަމާއެކު ކުޅެމުންދިޔަ ތަނެވެ. މިގޮތުން އާންމުކޮށް ކުރިއަށް ޖެހިގެން ކުޅޭ ސިޓީއިންވެސް މިމެޗްގައި ދޭތެރެ ދޭތެރެއިން ފަހަތަށް ޖެހި ޑިފެންްޑް ކުރަމުން ލިބޭ ހުސް ފުރުސަތު ތަކުގައި ކުރިއަށް ޖެހުނުތަށްވެސް މެޗްގެ އެކި ހިސާބުތަކުގައި ފެނިގެންދިޔައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ޖަހާދިނީ ސިޓީގެ ކެޕްޓަން ކެވިން ޑި ބްރުއިނަރއެވެ. މިމެޗްގެ ނަތީޖާ ޑޯޓްމުންޑްއިން ހަމަހަމަ ކުރީ މެޗްގެ 84 ވަނަ މިނެޓްގައި އެޓީމްގެ ކެޕްޓަން މާކޯ ރޮއިސް ޖަހާދިން ލަނޑުންނެވެ.
މިލަނޑާއެކު މިމެޗް އެއްވަރު ވެގެން ނިމިދާނެކަމަށް ބެލެވުނު ނަމަވެސް ސިޓީއިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ މެޗްގެ 90 ވަނަ މިނެޓްގައި އެޓީމްގެ ފިލް ފޯޑެން ލަނޑެއް ޖަހާ މިމެޗުން ސިޓީ މޮޅުކޮށްދިނުމެވެ. މީގެއިތުރުންވެސް ލަނޑު ޖަހާނެ ވަރަށް ހުސް ދެތިން ފުރުސަތު ފޯޑެންއަށް ލިބި ބޭކާރުވެގެންދިޔަތަން ފެނިގެންދިޔައެވެ. ހަމައެއާއެކު ޑޯޓްމުންޑްއަށްވެސް ލަނޑު ޖަހާނެ ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެގެންދިޔަ ތަން ފެނިގެންދިޔައެވެ.

މިކާމިޔާބީއާއެކު މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގަށް ކުރިމަތިލާއިރު ސިޓީއަށް ލީޑެއް ލިބިފައިވީ ނަމަވެސް ދެވަނަ ލެގް ކުޅެވޭނީ ޑޯޓްމުންޑްގެ ދަނޑުގައި ކަމުން މިމުބާރާތުގެ ސެމީފައިނަލަށް ދިއުމުގެ ފުރުސަތު ޑޯޑްމުންޑަސްވެސް އަދި އޮތްކަމަށް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ. މިނަތީޖާގެ ސަބަބުން ދެވަނަ ލެގް ޑޯޓްމުންޑް އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށްފިނަމަ ސެމީފައިނަލަށް ދާނީ ޑޯޓްމުންޑެވެ. ހަމައެއާއެކު ދެވަނަ ލެގް އެއްވަރު ވެގެން ނިމިއްޖެ ނަމަ ސެމީފައިނަލަށް ސިޓީ ދާނެއިރު ދެވަނަ ލެގް 2 ލަނޑު އެއްލަނޑުން ޑޯޓްމުންޑު ކާމިޔާބުކޮށްފިނަމަ އިތުރު ވަގުތުގެ ދެހާފް ކުޅެ އަދި އެވަރުން ނަތީޖާ ނުނިކުމެއްޖެނަމަ ޕެނަލްޓީ ޖަހާނެއެވެ.