ޚަބަރު

ޙަސީނާގެ ބައްޕާފުޅު އަދި ބަންގްލަދޭޝްގެ ބާނީ ޝައިޚް މުޖީބުއްރަޙުމާންގެ ގެކޮޅުގައި ރޯކޮށްލައިފި


ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިޚް ޙަސީނާގެ ބައްޕާފުޅު, އަދި ބަންގްލަދޭޝްގެ ބާނީ ޝައިޚް މުޖީބުއްރަޙްމާނުގެ ގެކޮޅުގައި ރޯކޮށްލައިފިއެވެ.

2009ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި ވެރިކަން ކުރެއްވި ޙަސީނާ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެެއްވައި ޤައުމު ދޫކޮށް ވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 5ވަނަ ދުވަހެވެ. އެއީ އެ ޤައުމުގައި ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ބަންގްލަދޭޝްގެ ގިނަ ޢަދަދެއްގެ ދަރިވަރުން މުޒާހަރާ ކުރުމުން މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުންކޮށް, ގިނަ ޢަދަދެއްގެ ދަރިވަރުން މަރައިލުމާ ގުޅިގެން މުޒާހަރާތައް ހޫނުވެ އިސްތިޢުފާ ދިނުމަށް ޙަސީނާއަށް މަޖުބޫރު ވުމުންނެވެ. ޙަސީނާ މި ވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އަވަށްޓެރި އިންޑިޔާގައެވެ.

ޤައުމުން ބޭރުގައި ހުންނަވާ ޤައުމުގެ ރައްޔިތުންނާއި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ޙިޠާބެއް ދެއްވުމަށް ޙަސީނާ ނިންމެވުމުން އެ ގަޑިއާ ދިމާކޮށް ޙަސީނާއަށް ވެރިކަން ދޫކޮށްލުމަށް މަޖުބޫރު ކުރި މުޒާހަރާތައް ރޭވުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި ސްޓޫޑަންޓްސް އަގެއިންސްޓް ޑިސްކްރިމިނޭޝަނާ ގުޅުންހުރި އެތައް ހާސް ބަޔަކު ވަނީ މުޖީބުއްރަޙްމާންގެ ގެކޮޅު ކައިރިއަށް އެއްވެފައެވެ. ޙަސީނާގެ ޙިޠާބުގައި އޭނާ ވަނީ އިންތިޤާލީ ވެރިކަމާ ދެކޮޅަށް ތެދުވުމަށް ޤައުމުގެ ރައްޔިތުންނަށް ގޮވައިލައްވައިފައެވެ. އިންތިޤާލީ ސަރުކާރުން ވެރިކަން ކުރަމުން ދަނީ ދުސްތޫރީ ހަމަތަކާ ޚިލާފަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ މޭރުމުން ޙަސީނާ ވާހަކަ ދެއްކެވުމުން މުޒާހަރާގެ ބައިވެރިން ޤަބޫލު ކުރަނީ ޙަސީނާ އައު ސަރުކާރަށް ގޮން ޖައްސަވާފައިވާ ކަމަށެވެ. އެކަމާ ނުރުހުންވެ މުޒާހަރާގައި ބައިވެރިވި އެއް ބަޔަކު ތިބީ ދަނޑިބުރިއާއި މަރުތެޔޮ ފަދަ އާލާތްތައް ހިފައިގެންނެވެ. އަނެއް ބަޔަކު އައީ މުޖީބުއްރަޙްމާނުގެ ގެކޮޅު ބިިމާ ހަމަ ކޮށްލުމުގެ މަޤްސަދުގައި ބުލްޑޯޒަރުތަކާއި ކެރޭނުތަކުގައެވެ. ޙިޠާބާ ގުޅިގެން ފެބްރުވަރީ މަހުގެ 5ވަނަ ދުވަހު އެ ގެކޮޅު ހަލާކު ކޮށްލަން ފަށައި ޖެހިގެން އައި ދުވަހު ވެސް އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ގޮސްފައެވެ. ބައެެއް މީހުން އެ ގެކޮޅަށް ވަދެ ފޮތާއި ބައެއް އެހެނިިހެން ސާމާނު ލޫޓުވާ މަންޒަރު ވެސް ފެނިފައި ވެއެވެ.

ޙަސީނާގެ ބައްޕާފުޅު, ޝައިޅް މުޖީބުއްރަޙްމާނަކީ ބަންގްލަދޭޝްގެ ފުރަތަމަ ރައީސެވެ. 1971ވަނަ އަހަރު ޕާކިސްތާނުގެ ކިބައިން ބަންގްލަދޭޝް މިނިވަން ކުރެއްވުމަށް އޭނާ ވަނީ މުހިންމު ދައުރެއް ޢަދާ ކުރައްވައިފައެވެ. އޭނާ މަޝްހޫރު ވެފައި ވަނީ ބަންގްލަދޭޝްގެ ބައްޕަގެ ގޮތުގައެވެ. މުޖީބުއްރަޙްމާންގެ ގެކޮޅަކީ ބަންގްލަދޭޝްގެ ތާރީޚާ ގުޅިފައިވާ ޚާއްސަ ގެއެކެވެ. 1975ވަނަ އަހަރު އޭނާ އާއި އޭނާގެ ޢާއިލާގެ ގިނަ ޢަދަދެއްގެ މީހުން ވަނީ އެ ގޭގައި އަވަހާރަ ކޮށްލައިފައެވެ. އެ ހަމަލާގައި ސަލާމަތްވެވަޑައިގެންނެވި އޭނާގެ ދަރިކަލުން ޝައިޅް ޙަސީނާ ފަހުން ވަނީ އޭނާގެ ބައްޕާފުޅުގެ ހަނދާނުގައި އެ ގެކޮޅު ދާރުލް އާސާރަކަށް ބަދަލު ކުރައްވައިފައެވެ. މުޖީބުއްރަޙްމާންގެ ދިރުއުޅުމާއި ޤައުމަށްޓަކައި އޭނާ ކުރެއްވި ޚިދުމަތްތައް ބަލައިލުމަށް ގިނަ ޢަދަދެއްގެ މީހުން އެ ގެކޮޅަށް ޒިޔާރަތް ކުރެއެވެ.

ބައްޕާފުޅުގެ ގެކޮޅުގައި ރޯކޮށްލުމާ ގުޅިގެން ޙަސީނާ ވިދާޅުވީ އިދިކޮޅު މީހުންނަށް އިމާރާތެއް ސުންނާފަތި ކުރެވިދާނެ ކަމަށެވެ. ނަމަވެސް ތާރީޚު ފޮހެ ނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތާރީޚުން ބަދަލު ހިފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޙަސީނާގެ އިސްތިޢުފާއަށް ފަހު ބަންގްލަދޭޝްގައި އުފައްދާފައިވާ އިންތިޤާލީ ސަރުކާރުގެ އިސްވެރިޔާގެ ގޮތުގައި މަސައްކަތް ކުރައްވަމުން ދަނީ ނޮބެލް ސުލްޙައިގެ އިނާމު ޙާޞިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސެވެ. 170 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝް އަދިވެސް އޮތީ ހަލަބޮލިވެފައި ކަމަށް ވާތީ އަދިވެސް ހަމަނުޖެހުންތަކާއި މުޒާހަރާތައް އެ ޤައުމުގައި ކުރިއަށް ދެއެވެ. އެހެންކަމުން ޤައުމުގައި ޤާނޫނާއި ޤަވާއިދު ދެމެހެއްޓުމުގައި ސަރަުކާރަށް ވަނީ ދަތިތަކާ ކުރިމަތިލަމުންނެވެ.

މުޖީބުއްރަޙްމާނުގެ ގެކޮޅުގައި ރޯކޮށްލުމާ ގުޅިގެން ޔޫނުސްގެ އޮފީހުން ބުނީ މުޒާހަރާގެ ބައިވެރިން ގެކޮޅަށް ޙަމަލާ ދިނުމަކީ އެ ގޮތަށް ގަސްދުކޮށްގެން އަދި ބޭނުން ވެގެން ވެސް އެ މީހުން ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ޙަސީނާގެ އަނިޔާވެރި ސުލޫކަށް ދިން ރައްދެއްގެ ގޮތުގައި އެ ޙަމަލާ ސިފަ ކޮށްފައި ވެއެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ޙަސީނާއާ ދެކޮޅަށް ތެދުވެ މުޒާހަރާތަކުގައި އަމިއްލަ ނަފްސު ޤުރުބާން ކުރި މީހުންނަށް ޙަސީނާ މަލާމާތް ކޮށް ނިކަމެތި ކުރަމުން ދާ ކަމަށް ބުނެފައިވެއެވެ. ޤައުމުގައި އިތުރަށް ހަމަނުޖެހުމާއި ނުތަނަވަސްކަން އުފައްދާނެ ކަމުގެ އިންޒާރު ޙަސީނާ ދެއްވާފައިވާ ކަމަށް ވެސް އެ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ފާހަގަ ކޮށްފައި ވެއެވެ.