ކުޅިވަރު

މިރޭގެ މެޗަށް ޕުލިސިޗް ފިޓް: ޗެލްސީ


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި މިރޭ ޗެލްސީ އާއި އެފްސީ ޕޯޓޯ ބައްދަލުކުރާ މެޗަށް ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ފިޓްވާނެކަމަށް އެކްލަބުން ހާމަކޮށްފިއެވެ. ޕުލިސިޗްވަނީ އެންމެފަހުން ވެސްޓް ބްރޮމްވިޗް އެލްބިއަންއާއި ދެކޮޅަށް ކުޅޭ ޗެލްސީ ބަލިވި މެޗްގައި އަނިޔާވެގެން ބާލާފައެވެ.

މިރޭގެ މެޗަށް ނިކުންނައިރު ޕުލިސިޗްގެ އިތުރުން އެން ގޯލޯ ކާންޓޭ ވެސް ވަނީ އަނިޔާއިން އެނބުރި އައިސް ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. ނަމަވެސް ބެލެވޭގޮތުގައި މިރޭގެ މެޗްގައި ކާންޓޭ މެޗް ފެށުން ގާތީ ބެންޗުންނެވެ. ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް ހާމަކުރިގޮތުގައި އެންމެ ފަހު މެޗްގައި ތަފާތު ބޮޑުކޮށް ބަލިވުން ވެގެންދިޔައީ މޫނުމަތީ އެތިފަހަރެއް ޖެހުން ކަހަލަ ކަމަކަށް ކަމަށާއި އެނަތީޖާއިން އެ ދައްކުވައިދިނީ އަބަދު މޮޅުވަމުންދިއުމަކީ ކިހާ އުނދަގޫ ކަމެއް ކަމަށެވެ. އަދި މިރޭގެ މެޗަށް ނިކުންނައިރު ޕޯޓޯގެ މައްޗަށް ކުރިހޯދާ ސެމީފައިނަލަށް އޭނާގެ ޓީމަށް ދެވޭނެކަމަށް ޤަބޫލް ކުރެވުނު ނަމަވެސް އެކާމިޔާބީ ހޯދަން ފަސޭހަ ނުވާނެކަމަށް ޓުޗެލް ބުންޏެވެ. އަދި ޕޯޓޯއަކީ މިމުބާރާތުގެ ތަޖްރިބާ ވަރަށް ހުރި ވަރުގަދަ ޓީމެއް ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ޕޯޓޯގެ ކޯޗް ސަރޖިއޯ ކޮންސެއިސާއޯ ބުނީ ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުން ބަލިވިތާ މާގިނަ ދުވަސްތަކެއް ނުވެ މިމެޗް ކުޅެން ޖެހުމުން ކަންބޮޑުވާކަމަށެވެ. އަދި އެމެޗުން ޗެލްސީ މޮޅުވުމަށް އުންމީދު ކުރެވުނު ކަމަށްވެސް ޕޯޓޯގެ ކޯޗް ބުނި. ކޮންސެއިސާއޯ ހާމަކުރިގޮތުގައި ޗެލްސީއަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އަދި އެޓީމް އެންމެފަހުން ކުޅުނު މެޗުން ބަލިވެފައިވުމުން މިމެޗުން މޮޅުވާން ވަރަށް މަސައްކަތް ކުރާނެކަން އެނގޭ ކަމަށެވެ. މިރޭގެ މެޗަށް ނިކުންނައިރު ޕޯޓޯގެ ފޯވަޑް މެހްދީ ޓަމޭރީއަށް އެންމެފަހުން ކުޅުނު މެޗްގައި ރަތްކާޑު ދައްކާފައި ވުމުގެ ސަބަބުން މިމެޗްގައި ނުކުޅެވޭނެއެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ޕޯޗުގަލް އާއި އިންގްލަންޑުން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ޗެލްސީ އާއި ޕޯޓޯގެ މެދުގައި ކުޅޭ ދެމެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ސްޕެއިންގެ ސެވިއްޔާގެ އެސްޓާޑިއޯ ރޯމަން ސަންޗޭޒް ޕިޒްހުއާންގައެވެ. މިގޮތުން ފުރަތަމަ ލެގް ބެލިފައިވަނީ ޕޯޓޯގެ ހޯމް ގޭމްގެ ގޮތުގައެވެ.

މިމުބާރާތުގައި މިރޭ ކުޅޭ ދެވަނަ މެޗްގައި ފަރަންސޭސި ލީގް އާންގެ އެންމެފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަރމެއިން އާއި ބުންޑަސްލީގާގެ އެންމެ ފަހުގެ ޗެމްޕިއަނުން ބަޔާން މިޔުނިކްގެ ކުރިމަތިލުމުގައި ބަޔާންގެ ސަރޖޭ ގްނެބްރީއަށް ނުކުޅެވޭނެކަންވަނީ ޔަގީންވެފައެވެ. ބަޔޭންގެ ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީ އާއި މާރކް ރޮކާއަށްވެސް އަނިޔާގެ ސަބަބުން މިމެޗްގައި ނުކުޅެވޭކަން ކުރިން ވަނީ އެކްލަބުން ހާމަކޮށްފައެވެ. މިމެޗްގައި ގްނެބްރީގެ ޖާގަ ފުރާނެކަމަށް ބެލެވެނީ ލެރޯއި ސާނޭއެވެ. ޕީއެސްޖީއަށް ބަލާލާއިރު އެޓީމްގެ އެލެއްސަންޑްރޯ ފްލޮރެންޒީ އާއި މާކޯ ވެރާޓީ ކޯވިޑަށް ޕޮޒިޓިވް ވެފައިވާތީ މިރޭގެ މެޗްގައި އެދެކުޅުންތެރިންނަށް ނުކުޅެވޭނެއެވެ. ނަމަވެސް އެޓީމުގެ ކުރިއަށް ކުޅޭ ކައިލިއަން އެމްބާޕޭ އާއި ނޭމާ މިރޭ ފެންނާނެކަމަށް ޤަބޫލް ކުރެވެއެވެ.