ޚަބަރު

ޙަމްޒާގެ މައްސަލައިގެ މަޢުލޫމާތު ޝާޢިރުކުރުން މަނާކޮށްފި


އުރުދުންގެ ޝާޚީ ޢާއިލާގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާޢިރު ނުކުރުމަށް އަންގައިފިއެވެ.

އުރުދުންގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާފަދަ ރޭވުންތަކެއް ރޭވުމުގައި އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ބިން އަލްޙުސައިންގެ އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ވަލީއަހުދު އަމީރު ޙަމްޒާ ބިން ޙުސައިން ބައިވެރިވެވަޑައިގެންފައިވާތީ އެ ޤައުމުން ދަނީ އެކަން ތަހުޤީޤުކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން އަމީރު ޙަމްޒާ ހުންނެވީ ގޭބަންދުގައެވެ. ގޭބަންދުކުރިފަހުން އަމީރު ޙަމްޒާވަނީ އޭނާގެ ވަފާތެރިކަން އޮތީ ޢަބްދުﷲ ރަސްގެފާނަށްކަމަށް ވިދާޅުވެފައެވެ.

އުރުދުންގެ ޕްރޮސެކިއުޓަރު ޖެނެރަލް އާންމުކޮށްފައިވާ އެންގުމުގައި ބުނެފައިވަނީ އަމީރު ޙަމްޒާގެ މައްސަލައިގައި ސަލާމަތީ ބާރުތަކުން ކުރިޔަށްގެންދާ ތަހުޤީޤުގެ ކަންކަން ސިއްރުކުރުމުގެ ބޭނުމުގައި އެ މައްސަލައާގުޅޭ އެއްވެސް މަޢުލޫމާތެއް ޝާޢިރުކުރުން މަނާކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި ނޫސް އިދާރާތަކާއި މީސްމީޑިޔާ ވިޔުގަތަކުގައި އެފަދަ މަޢުލޫމާތު ޝާޢިރުކުރުން ހިމެނޭކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ނެރުނު ބަޔާނުގައިވަނީ ބުނެފައެވެ. އެ އެންގުމާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޢަބްދުﷲ ރަސްގެފާނަށްފަހު އުރުދުންގެ ރަސްކަމާ ޙަވާލުވެވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ އަމީރު ޙަމްޒާއެވެ. ނަމަވެސް 2004ވަނަ އަހަރުގެ ތެރޭގައި ޢަބްދުﷲ ރަސްގެފާނުވަނީ އެމަނިކުފާނަށްފަހު އަމީރު ޙަމްޒާއަށް އުރުދުންގެ ވެރިކަން ވާރުތަނުވާނެކަމަށް ނިންމަވައިފައެވެ. އެތައް އަހަރެއް ވަންދެން އަމީރު ޙަމްޒާ އެއްފަރާތް ކޮށްފައި ބެހެއްޓެވި ނަމަވެސް ޝާޙީ ޢާއިލާއާ ދެކޮޅު ފަރާތްތަކާއެކު ގާތް ގުޅުންތަކެއް އޭނާ ބާއްވަމުންދާތީ އެ ޤައުމުގެ ސަރުކާރުން އޮތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އުރުދުންގެ ވެރިންނަކީ ވަގުންކަމަށާއި ޤައުމުގެ ރައްޔިތުންގެ މަސްލަޙަތަށްވުރެ އެމީހުން އިސްކުރަނީ އަމިއްލަ މަސްލަޙަތުކަމަށް އަމީރު ޙަމްޒާވަނީ ވިދާޅުވެފައެވެ.