ތަޢުލީމު

ހެލްތް ސްކްރީނިންގ ޕްރޮގްރާމް ނިމެނީ


ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހެލްތް ސްކްރީނިންގ ޕްރޮގްރާމް ރ އަތޮޅާއި މ އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންގޮސް ނިމިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.ޕީއެސް.އެމްއަށް މައުލޫމާތުދެއްވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ސީނިއަރ މެޑިކަލް އޮފިޝަރ ޑރ ރަޒާނާ ފާއިޒް ވިދާޅުވީ ހެލްތް މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ފުރާވަރު އުމުރު ކުދިންނަށް ހިންގާ މެޑިކަލް ހެލްތް ސްކްރީންގ ޕްރޮގްރާމް މި ދެ އަތޮޅުގައި ކުރިޔަށް ގެންދިއުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ.ހެލްތް މިނިސްޓްރީއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ކުރިޔަށް ގެންދާ މި ހެލްތް ސްކުރީން ޕްރޮގްރާމްގެ ނަތީޖާ ރިޕޯޓް މިއަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާކަމަށް ޑރ ރަޒާނާ ވިދާޅުވިއެވެ.މީގެ އިތުރުން ޑރ ރަޒާނާ ވިދާޅުވީ ހެލްތް ސްކްރީން ކުރެވުނު ކުދިންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ދަތާއި އަނގައިގެ ބަލިތައްކަމަށާއި، މިއަންނައަހަރު ދަތާއި އަނގައިގެ ބަލިތަކަށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވެސް ޑރ ރަޒާނާ ވިދާޅުވިއެވެ.މި އަހަރެކޭ އެއްގޮތައް މިއަންނަ އަހަރުވެސް މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި، މި އަހަރު ފާހަގަ ކުރެވުނު ކަންތަކަށް ބަލާއި އަންނައަހަރު މި ޕްރޮގްރާމް ކުރިޔަށް ގެންދާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުންދާކަމަ ވެސް ޑރ ރަޒާނާ ވިދާޅުވިއެވެ.މި ޕްރޮގްރާމްގެ ދަށުން ހެލްތް ސްކުރީން ކުރުމަށް ހަމަޖެހިފައިވަނީ ގްރޭޑް ހަތެއްގައި ކިޔަވާ ދަރިވަރުންނަށެވެ.