ޚަބަރު

މެދު ޒިޔާރަތާއި ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި


މާލޭ ހުކުރު މިސްކިތުގެ މުންނާރާއި މެދު ޒިޔާރަތުގެ އާބާތުރަފިލުވައި ސާފުކުރުމުގެ މަސައްކަތް، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ސްޓެލްކޯ ގުޅިގެން ފަށައިފިއެވެ.

މުންނާރާއި މެދު ޒިޔާރަތުގެ އާބާތުރަފިލުވުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުންނެވެ. ސްޓެލްކޯއިން މިމަސައްކަތާ ހަވާލުވެ، ކުރިއަށްގެންދަނީ ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުންނެވެ.

މަސައްކަތް ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ފަންނާއި ސަޤާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވީ މިފަދަ ތަންތަނަކީ ރާއްޖޭގެ އިސްލާމީ ތާރީޚާއި ތަރިކައިގެ ފަންނު ފެންނަ މުހިންމު ބިނާތަކެއްކަމަށެވެ. މިފަދަ ބިނާތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްޓެލްކޯއިން އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން މިފަދަ މަސައްކަތެއް ފަށާފައިވާތީ، މިނިސްޓަރ ޔުމްނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"މި މަސައްކަތުގައި މިފަހަރުވެސް ވެލިލައި ސާފުކުރުން ހިމެނޭ. މިފަދަ ތަންތަން ޙިމާޔަތްކުރުމަކީ އެންމެންގެވެސް ޒިންމާއެއް. ވަރަށް އުފާވޭ ސްޓެލްކޯއިން މިފަދަ މަސައްކަތެއް ކުރާތީ. އުއްމީދަކީ އެކި ކުންފުނިތަކުންނާއި ޖަމްޢިއްޔާ ޖަމާތްތަކުންވެސް މިފަދަ މަސައްކަތުގައި ބައިވެރިވުން." މިނިސްޓަރ ޔުމްނާ ވިދާޅުވީއެވެ.

މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުޣުނީ ދެއްކެވި ވާހަކައިގައި ވިދާޅުވީ މިފަދަ މަސައްކަތެއްގައި އެ ކުންފުނިން ބައިވެރިވެފައިވަނީ، އާސާރީ ބިނާތައް ޙިމާޔަތްކޮށް ބެލެހެއްޓުމުގައި ކުންފުނީގެ އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށެވެ. ސްޓެލްކޯއިން މީގެކުރިންވެސްވަނީ ހުކުރު މިސްކިތުގެ މުންނާރު ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައެވެ.

"ކުންފުނިން ވަރަށް ލޯބިން ކުރާ މަސައްކަތެއް މިއީ. ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން މި މަސައްކަތް ކުރިއަށްގެންދަނީ." މުޣުނީ ވިދާޅުވިއެވެ.

ހުކުރު މިސްކިތު މުންނާރާއި މެދު ޒިޔާރަތް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ކަމާ ގުޅޭ ފަންނީ މީހުންގެ އެހީތެރިކަމާއެކުއެވެ.