ޚަބަރު

ކޫއްޑޫ އާއި ކަނޑުއޮތްގިރި ބަނދަރު ހެދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި


ކޫއްޑޫ އާއި ކަނޑުއޮތްގިރީގައި ބަނދަރު ހެދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަޝްރޫއު ހިންގަނީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުންނެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި ބީލަންތަކުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގެ އާއި ސައުދީ އަރަބިއްޔާގެ ކުންފުނިތަކަށްކަމަށެވެ. ދިވެހި ކުންފުނިތައް ވާންވާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ސައުދީ ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"ގައި މިމަރުހަލާގައި ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. ނަމަވެސް، ސައުދީ ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި" ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނެކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެއްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށްދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ 'ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަންނާނީ އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް މެދުވެރިކޮށެވެ.

ކޫއްޑޫއާއި ކަނޑޮއޮތްގިރިއަކީ މަސްވެރިކަމުގައި ބޭނުންކުރަމުންއަންނަ 2 ރަށެވެ. މި 2 ރަށުގެ ބަނދަރު ހެދުމުގެ ސަބަބުން މަސްވެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ކޫއްޑޫއާއި ކަނޑުއޮތްގިރީގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ އިތުރުން މިއަހަރު ފެލިވަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫއުއެއްވެސް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 12 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ތެރެއިން މަސްވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.