ކުޅިވަރު

ވުލްވްސް ބަލިކޮށް ތާވަލްގެ ހަތަރުވަނަށް ވެސްޓް ހޭމް ކުރިއަށް ޖެހިލައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ވުލްވަރހެމްޓަން ވޮންޑަރަރސް ބައްދަލުކުރިމެޗް ވެސްޓް ހޭމް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗް ވެސްޓް ހޭމް ކާމިޔާބުކުރީ 3 ލަނޑު ދެލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ވެސްޓް ހޭމްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އެންމެފަހުން އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗެކޭ އެއްގޮތަށް މިމެޗްގައިވެސް ވެސްޓް ހޭމްއިންވަނީ މެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ ލަނޑުޖަހާފައެެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ޖަހާދިނީ ވެސްޓް ހޭމްގެ ޖެސީ ލިންގާރޑްއެވެ. އަދި ވެސްޓް ހޭމްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 14 ވަނަ މިނެޓްގައި ޕަބްލޯ ފޯނާލްސްއެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާދިނީ ޖެރޯޑް ބޮވެންއެވެ. މިމެޗްގައި ވުލްވްސްއިން އެޓީމްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ލެއާންޑަރ ޑެންޑޮންކަރއެވެ. މިލަނޑާއެކު ވެސްޓް ހޭމްއިން އަނެއްކާވެސް އާސެނަލް މެޗެކޭ އެއްގޮތަށް ތިން ގޯލްގެ ލިޑެއް އަތުން ބީކޮށްލަފާނެކަމަށް ހީވެގެންދިޔައެވެ. އަދި މެޗްގެ 68 ވަނަ މިނެޓްގައި ވުލްވްސްގެ ފަބިއޯ ސިލްވަރ ޖަހާދިން ލަނޑުން މިހީތަށް އިތުރަށް ވަރުގަދަ ވެގެންދިޔައެެވެ. ނަމަވެސް ވެސްޓް ހޭމްއިން ހިތްވަރާއެކު ކުޅުމުގެ ނަތީޖާއަކަށްވީ މިމެޗްގައި އިތުރު ލަނޑެއް ބައިކޮޅަށް ވަނަނުދީ މެޗް ކާމިޔާބުކުރުމެވެ.

މިކާމިޔާބީގެ ސަބަބުން ހެސްޓް ހޭމްއަށް މިހާރުވަނީ ކުޅުނު 30 މެޗުން ލިބުނު 52 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. ޗެމްޕިއަންސް ލީގުގެ ފަހު ޖާގައަށް ކުރިއަށް ޖެހިލެވުމުން ހިތްހަމަ ޖެހިފައިހުރި ވެސްޓް ހޭމްގެ ކޯޗް ޑޭވިޑް މޮޔެސް ހާމަކުރިގޮތުގައި މިހާރު ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ވާދަކުރުމުގެ ފުރުސަތު އޭނާގެ ޓީމަށްވެސް އެބައޮތް ކަމަށާއި އަދި އެޖާގަހޯދުމަށް ލީގުގެ ބޮޑެތި ޓީމްތަކާއި އެންމެ ފަހު ވަގުތަށް ޖެހެންދެއްވެސް މަސައްކަތް ކުރާނެކަމަށެވެ. މިމެޗުން ބަލިވުމުން ވުލްވްސް މިހާރު އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.