ކުޅިވަރު

ރެއާލް އާއި ދެކޮޅަށް ނިކުންނާނީ ބަދަލުހިފާކަށް ނޫން: ކްލޮޕް


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި މިރޭ ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗަށް ލިވަޕޫލް ނިކުންނާނީ ބަދަލު ހިފަން ނޫން ކަމަށް އެޓީމުގެ ކޯޗް ޔަރގަން ކްލޮޕް ހާމަކޮށްފިއެވެ. ކްލޮޕް މިކަން ހާމަކޮށްފައިވަނީ މިމުބާރާތުގައި އެންމެ ފަހުން މިދެޓީމް ބައްދަލުކުރިމެޗުން ލިވަޕޫލް ބަލިވެފައިވުމުންނެވެ.

2018 ވަނަ އަހަރުގެ ފައިނަލްގައި މިދެޓީމް ބައްދަލުކުރިމެޗް 3 ލަނޑު އެއް ލަނޑުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ރެއާލްއެވެ. އަދި އެމެޗްގައި ލިވަޕޫލްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ މުހަންމަދު ސަލާއަށްވަނީ ސާޖިއޯ ރާމޯސް ކުރި ފައުލަކާއި ގުޅިގެން އަނިޔާވެގެން ބާލާފައެވެ. ކްލޮޕް ހާމަކުރިގޮތުގައި މިފަހަރު ގުރުއަތުން ރެއާލް އާއި ކުޅޭގޮތަށް ދިމާވުމުން 2018 ވަނަ އަަހަރުގެ ފައިނަލް މެޗް މަތިން ހަނދާންވި ކަމަށާއި ނަމަވެސް މިރޭ ލިވަޕޫލް ނިކުންނާނީ ބަދަލު ހިފުމުގެ ރޫހުގައި ނޫން ކަމަށެވެ. ނަމަވެސް މި ކުރިމަތިލުން ކާމިޔާބު ކުރަން ބޭނުން ކަމަށާއި އެއީ މިމުބާރާތުގައި އިތުރަށް ކުރިއަށް ދެވޭނީ ރެއާލް ބަލިކޮށްގެން ކަމަށްވާތީކަމަށް ކްލޮޕް ހާމަކުރިއެވެ. އަދި 2018 ވަަނަ އަހަރުގެ ފައިނަލް މަތިން ހަނދާން ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އޭގެފަހުން ލިވަޕޫލް މިވަނީ މިމުބާރާތުގެ ތަށިވެސް އުފުލާލާފައިކަމަށް ކްލޮޕް ހާމަކުރިއެވެ.

މިރޭގެ މެޗަށް ނިކުންނައިރު ލިވަޕޫލްއަށް އަނިޔާގެ އިތުރު މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ. އެހެންކަމުން އެންމެފަހުން އާސެނަލްއާއި އެކު ކުޅެ މޮޅުވި މެޗުގައި ކުޅުނު ޓީމް މިމެޗުގައި ފެނުން ގާތް ކަމަށް ބެލެވެއެވެ. ރެއާލްއަށް ބަލާލާއިރު އެޓީމުގެ ފަހަތުގެ މައި ތަނބު ކެޕްޓަން ރާމޯސްއަށް އަނިޔާވެފައިވުމުގެ ސަބަބުން ލިވަޕޫލްއާ ދެކޮޅަށް ކުޅޭ ދެ ލެގްގައި ނުފެންނާނެވެ. ރާމޯސްގެ ބަދަލުގައި މިރޭ ކުޅޭނެ ކަމަށް ބެލެވެނީ ނާޗޯ ފެނާންޑޭޒްއެވެ. އަދި ރަފައެލް ވެރާން އަލުން ފުރަތަމަ އެގާރައިގާ ހިމެނޭނެކަމަށް ބެލެވޭއިރު އެޑެން ހަޒާޑްވަނީ އަނިޔާއިން އެނބުރި އައިސް މިދިޔަ ހުކުރު ދުވަހު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.

މިމުބާރާތުގައި މިރޭ މިމެޗްގެ އިތުރުން މެންޗެސްޓަރ ސިޓީ އާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރާ މެޗްވެސް އޮންނާނެއެވެ. މިދެމެޗްވެސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭގަޑިން ދަންވަރު ބާރަޖަހާއިރުއެވެ.