ކުޅިވަރު

އެވަޓަން އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް އެއްވަރު


އިންގްލިޝް ޕްރިމިއަރ ލީގުގައި އެވަޓަން އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރުވެގެންނެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއް ލަނޑަކަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 56 ވަނަ މިނެޓްގައި ޖަހައިދިނީ އަނިޔާއިން އެނބުރި އައިސް އެވަޓަންއަށް ފުރަތަމަ މެޗް ކުޅެމުންދިޔަ ހެމޭޒް ރޮޑްރިގޭޒްއެވެ. މިލަނޑާއެކު މިމެޗް އެވަޓަންއިން ކާމިޔާބުކޮށްފާނެކަމަށް ހީވިނަމަވެސް މިމެޗްގެ 86 ވަނަ މިނެޓްގައި ޕެލަސްގެ ބަދަލުކުޅުންތެރިޔާ މިޗީ ބަޓްޝުއާއީވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މިމެޗް އެއްވަރު ވުމުން އެވަޓަންއިން މިއަންނަ ސީޒަންގައި ޔޫރަޕްގައި ކުޅުމަށް ކުރަމުންދާ އުންމީދު ތަކަށް ކޮންމެވެސް ވަރެއްގެ ހީނަރު ކަމެއް އައި ނަމަވެސް އެވަޓަންގެ ކޯޗް ކާލޯ އެންޗެލޯޓީ ހުރީ އުންމީދު ދޫކޮށްލާގޮތަކަށް ނޫނެވެ. އެންޗެލޯޓީ ހާމަކުރިގޮތުގައި އަދިވެސް އޭނާގެ އަމާޒު ހުރީ މިއަންނަ ސީޒަނުގައި ޔޫރަޕްގައި ކުޅުން ކަމަށާއި މިމެޗުން ގެއްލުނު ދެ ޕޮއިންޓް ދެން އޮތް މެޗަކުން ހޯދަން ޖެހޭ ކަމަށެވެ. މިމެޗް އެއްވަރު ވުމުން އެވަޓަން މިހާރު އުޅެނީ 29 މެޗުން ލިބިފައިވާ 47 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ. އަދި އެވަޓަން އެއްމެޗު މަދުން ކުޅެފައިވުމުން ދެން ކުޅޭ މެޗުން މޮޅުވެއްޖެނަމަ 50 ޕޮއިންޓާއެކު ތާވަލްގެ ހަވަނައަށް ކުރިއަށް ޖެހުމުގެ ފުރުސަތު އެބައޮތެވެ. އެހެން ކަމުން އެންޗެލޯޓީ މިއަންނަ ސީޒަނަށް ޔޫރަޕްގެ ހުވަފެން ނުދެކޭންވީ ސަބަބެއްވެސް ނެތެވެ.

މިމެޗް އެއްވަރު ވުމުން ޕެލަސްއަށް މިވަނީ މިއަންނަ ސީޒަންގައިވެސް ޕްރިމިއަރ ލީގުގައި އޮވެވޭނެކަން ގާތް ގަޑަކަށް ޔަގީން ކުރެވިފައެވެ. އެއީ 18 ވަނައިގާ އޮތް ފުލަމް އާއި އެޓީމާ ދެމެދު މިހާރު 12 ޕޮއިންޓްގެ ފަރަގެއް އޮތުމުންނެވެ. ޕެލަސް މިހާރު އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.