ކުޅިވަރު

ބާސާއާއި އެޓްލެޓިކޯ މެޑްރިޑާއި ދެމެދުގައިވާ ފަރަގު ޕޮއިންޓަކަށް ކުޑަވެއްޖެ


ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާ އާއި ރެއާލް ވަޔަޑޮލިޑް ބައްދަލުކުރިމެޗް ބާރސާއިން ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނައިގައި އުޅޭ އެޓްލެޓިކޯ މެޑްރިޑާއި ދެމެދުގައިވާ ފަރަގު އެއްޕޮއިންޓަށް ކުޑަކޮށްފިއެވެ. ބާރސާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ދެޓީމްގެ ފަރާތުން ފެނިގެންދިޔަ މިމެޗްގައި ބާސާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި ނަމަވެސް ވަޔަޑޮލިޑުން ޑިފެންސަށް އިސްކަންދީގެން ކުޅުމުގެ ސަބަބުން ބާރސާއަށް އެޓީމުން އުފެއްދި ހަމަލާތައް ކާމިޔާބު ކުރެވޭގޮތް ދިޔައީ ނުވަމުންނެވެ. މިގޮތުން މިމެޗުގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި މިމެޗްގައި ބާރސާއަށް ފަސޭހަ ވެގެންދިޔައީ މެޗުގެ 79 ވަނަ މިނެޓްގައި ވަޔަޑޮލިޑްގެ އޮސްކާ ޕްލާނޯ ބާރސާގެ އުސްމާން ޑެމްބެލޭ އަށް ނުރައްކާތެރި ފައުލެއް ކުރުމުގެ ސަބަބުން ސީދާ ރަތްކާޑު ދެއްކުމުންނެވެ. ނަތީޖާއަކަށްވީ މެޗްގެ އެންމެ ފަހު މިނެޓްގައި ބާރސާއިން ލަނޑެއް ޖަހާ މެޗް ކާމިޔާބު ކުރުމެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޑެމްބެލޭއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ފޮނުވާލި ދެހަމަލާއެއްވަނީ ގޯލްގެ ދަނޑިއަށްވެސް އަމާޒުވެފައެވެ.

މިކާމިޔާބީއާއެކު ބާރސާއަށް މިހާރު މިވަނީ ކުޅުނު 29 މެޗުން ލިބިފައިވާ 65 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް އަނެއްކާވެސް ކުރިއަށް ޖެހިލާފައެވެ. އަދި އެއްވަނައިގައި އުޅޭ އެޓްލެޓިކޯއާއި ދެމެދުގައިވާ ފަރަގު އެންމެ ޕޮއިންޓަކަށް ކުޑަކޮށްފައެވެ. އަދި މިހަފްތާ ބަންދުގައި ރެއާލް މެޑްރިޑާއި ބައްދަލު ކުރާގޮތަށް އޮތުމުގެ އިތުރުން މިއަންނަ މަހު އެޓްލެޓިކޯއާއި ބައްދަލު ކުރާނެތީ މިފަހަރު ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ބާރސާއަށްވެސް ވަރަށް ބޮޑަށް އެބައޮތެވެ.