ކުޅިވަރު

ނެޓްސް އާއި ނިކްސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 114 ޕޮއިންޓް 112 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 40 ޕޮއިންޓް ހޯދައިދީ 7 އެސިސްޓް ދިން ކައިރީ އަރވިންގއެވެ. އަދި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގާ 12 އެސިސްޓް ދީ ޓްރިޕްލް ޑަބަލްއެއް ހެދި ޖޫލިއަސް ރެންޑްލްއެވެ.

މިމުބާރާތުގައި ޑެލަސް މެވްރިކްސް އާއި ޔޫޓާ ޖޭޒް ބައްދަކުރިމެޗް 111 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިއީ މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޭޒް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. މިމެޗްގައި މެވްރިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 31 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާ 8 އެސިސްޓް ދިން ލޫކާ ޑޮންޗިޗްއެވެ. އަދި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދައިދީ 7 އެސިސްޓް ދިން މައިކް ކޮންލޭއެވެ. މީގެއިތުރުން ކްލީވްލަންޑް ކެވެލިއަރސް އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރިމެޗު 125 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ކެވެލިއަރސްއެވެ. މިމެޗްގައި ކެވެލިއަރސްގެ ޑާރިއަސް ގަރލަންޑްވަނީ އެޓީމަށް 37 ޕޮއިންޓް ހޯދައިދީ 7 އެސިސްޓް ކޮށްފައެވެ. އަދި ސްޕަރސްގެ ޑިމާރ ޑިރޮޒާންވަނީ އެޓީމަށް 20 ޕޮއިންޓް ހޯދައިދީފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޑެޓްރޮއިޓް ޕިސްޓަންސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 132 ޕޮއިންޓް 108 ޕޮއިންޓުން ޕިސްޓަންސް ކާމިޔާބުކުރިއިރު މިނެސޯޓާ ޓިމްބަރވުލްވްސް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބަރވުލްވްސްއެވެ.