ޚަބަރު

ކަރަންޓު މައްސަލަ ހައްލު ކުރުމަށް އައްޑޫއަށް ޖެންސެޓުތަކެއް


ކުރިއަށް އޮތް ރޯދަ މަހާއި ދިމާކޮށް އައްޑޫގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ޖަނަރޭޓަރުތަކެއް އައްޑޫއަށް ގެންގޮސްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން އައްޑޫއަށް އިތުރު ޖަނަރޭޓަރުތަކެއް ގެންގޮސްފައިވަނީ ކުރިއަށް އޮތް ރޯދަމަހަކީ، ހޫނު މޫސުމަށް ވެފައި އައްޑޫގެ ކަރަންޓު ހާލަތު ނާޒުކު ހާލަތެއްގައިވާތީ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ. އައްޑޫއަށް މިހަފްތާ ތެރޭގައި ގެންދިޔަ މިޖަނަރޭޓަރު ތަކާއެކު އައްޑޫގެ ކަރަންޓު ހާލަތައް ލުޔެއް ލިބިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

ފޭދޫގެ ނަރުދަމާ ނިޒާމާއި ފެނަކައިން ހަވާލުވުމަށް މިދިޔަ ހަފްތާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިނގް ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ، އައްޑޫގެ ކަރަންޓަށް އަދިވެސް އެންމެ އެކަށީގެންވާ ހައްލެއް ގެނެވިފައިވާ ނުވާކަމަށެވެ. އެހެން ކަމުން އައްޑޫގެ ކަރަންޓު ނެޓްވޯކުގެ އަމަލީ މަސައްކަތް ވީއެންމެ އަވަހަށް ފަށައި، ކަރަންޓު މައްސަލަ ހައްލު ކުރައްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އައްޑޫއަށް ރޯދަމަހާ ދިމާކޮށް މިގެނެވޭ ޖަނަރޭޓަރުތަކުގެ ސަބަބުން ދާއިމީ ހައްލެއް ލިބެންދެން، މިހާރުދިމާވާ މައްސަލަ ހައްލުވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

އައްޑޫސިޓީ ކަރަންޓު ނެޓްވޯކް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް މިވަގުތު ފަށާފައިވާއިރު ޗައިނާގެ ޑޯން ފަންފޭންގް އިލެކްޓްރިކް އިންޓަރނޭޝަލްއާއެކު، އައްޑޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް 20 މެގަވޯޓުގެ ކަރަންޓު އުފައްދާނެ އިންޖީނުގެއެއް ޤާއިމު ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިއީ 37.5 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.