ޕާކިސްތާނުގައި އަމިއްލަ ފަރާތްތަކުން ކޯވިޑް-19ގެ ވެކްސިން ވިއްކަން ފެށުމުން އަމިއްލައަށް ގަނެގެން ވެކްސިން ޖެހުމަށް އެ ޤައުމުގެ ޒުވާނުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.
ކުރީ ސަފުގައި މަސައްކަތްކުރާ ޞިއްޚީ ޚިދުމަތްތެރިންނަށާއި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ޕާކިސްތާނުގެ ސަރުކާރުން ހިލޭ ވެކްސިން ފޯރުކޮށްދެއެވެ. ނަމަވެސް އެ ޤައުމުގައި ވެކްސިން ޖެހުމުގެ މަޝްރޫޢު ކުރިއަށްދާ ލަސް ދުވެލީގެ ސަބަބުން ސަރުކާރު މެދުވެރިކޮށް ޒުވާނުންނަށް ވެކްސިން ދިނުމަށް ގިނަ ދުވަސްތަކެއް ނަގާނެކަމަށްވަނީ ބެލެވިފައެވެ.
މިދިޔަ މަހުގެ ތެރޭގައި ޕާކިސްތާނުންވަނީ އަމިއްލަ ފަރާތްތަކުން ކޯވިޑް-19ގެ ވެކްސިން އެތެރެކުރުމުގެ ޙުއްދަ ދީފައެވެ. އެގޮތުން އަމިއްލަ ފަރާތްތަކުންވަނީ ރަޝިޔާގެ ސަޕްޓުނިކު ފަހެއް ވެކްސިން ވިއްކަން ފަށައިފައެވެ. އެ ވެކްސިންގެ ދެ ޑޯޒްގެ އަގަކީ 80 އެމެރިކާ ޑޮލަރެވެ.
ވެކްސިންގެ އަގު ނިޞްބަތުން ބޮޑުވި ނަމަވެސް ގިނަ ޢަދަދެއްގެ އާންމުން ދަނީ އެ ވެކްސިން ގަންނަމުންނެވެ. ވެކްސިން ޖަހައި މަރުކަޒުތަކުގައި އެ ވެކްސިން ޖެހުމަށް ދިގު ކިޔުތަކެއްވަނީ ހަދައިފައެވެ. ވެކްސިން ގަންނަ މީހުންގެ ތެރޭގައި ގިނައީ ސަރުކާރުގެ ވެކްސިން މަޝްރޫޢުއަށް ޝަރުތު ހަމަނުވާ ޒުވާނުންނެވެ. ދަތުރުފަތުރުކުރުމަށް ވެކްސިން ޖެހުން މުހިންމުވުމުގެ ސަބަބުން ޕާކިސްތާނުގެ ގިނަ ޢަދަދެއްގެ ޒުވާނުން ވެކްސިން ޖެހުމަށް ޝައުޤުވެރިވެއެވެ.