ބުރެޒިލުގެ އެމަޒޮން ޖަންގަލިން ގަސްކެނޑުން ހުއްޓުވުމަށް ބޭރުގެ ޤައުމުތަކުން އެހީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދިނުމަށް އެ ޤައުމުން އެދެފިއެވެ.
ބުރެޒިލުގެ ތިމާވެއްޓާބެހޭ ވަޒީރު ރިކާރްދޯ ސާއްލީސް ވިދާޅުވީ އެމަޒޮން ޖަންގަލީގައި ގަސްކަނޑައި މިންވަރު 30އާއި 40 އިންސައްތައާ ދެމެދުގެ ނިޞްބަތަކަށް ދަށްކުރުމަށް ބޭރުގެ އެހީގެ ގޮތުގައި އަހަރެއްގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށެވެ. އެކަމަށް ބޭނުންވާ ވަޞީލަތްތައް ލިބިއްޖެނަމަ ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ލަނޑުދަނޑި ހާޞިލުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ޖަންގަލިކަމަށްވާ އެމަޒޮނުން ގަސްކަނޑައި އެ ޖަންގަލީގެ ބޮޑު ސަރަޙައްދެއް ހުސްކޮށް އިޤްތިޞާދީ ބޭނުމަށް ބޭނުންކުރުން ހުއްޓުވުމަށް ބުރެޒިލުގެ ސަރުކާރުން ނުކުޅެދިފައިވާތީ އެ ޤައުމަށް ދުނިޔޭގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އެމަޒޮން ޖަންގަލި ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ ބަދަލުގައި އިޤްތިޞާދީ ފައިދާއަށް އެ ޖަންގަލިން ލިބެންހުރި ވަޞީލަތްތައް ބޭނުންކުރުމަށް ބުރެޒިލުގެ ރައީސް ޖައީޚް ބޮލްސޮނާރޯ ބާރުއަޅުއްވައެވެ.
ބުރެޒިލުގެ ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވީ އެހީގެ ގޮތުގައި ހޯދާ ފައިސާގެ ތިންބައިކުޅަ އެއްބައި ބޭނުންކުރާނީ ގަސްކެނޑުން ހުއްޓުވުމަށްކަމަށެވެ. ޖަންގަލި ހަލާކުކޮށްގެން އިޤްތިޞާދީ ފައިދާތައް ލިބެމުންދިޔަ ފަރާތްތަކަށް ފައިސާ ހޯދޭނެ އެހެން މަގުތައް ދެއްކުމަށްވެސް އެ ފައިސާއިން ބައެއް ޚަރަދުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ސާއްލީސް ވިދާޅުވީ އެ މައްސަލައަށް ޙައްލެއް ހޯދުމަށް އެމެރިކާއާއި ނޯވޭގެ އެހީތެރިކަމަށް ބުރެޒިލުން އެދިފައިވާނެކަމަށެވެ. ޤައުމުތަކުގެ އެހީތެރިކަން ނުލިބިއްޖެނަމަ ބުރެޒިލުގައި ލިބެންހުރި ވަޞީލަތްތައް ބޭނުންކޮށްގެން ކުރެވެން ހުރި މަސައްކަތެއް ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.