ޚަބަރު

އުރުދުންގެ އަމީރު ޙަމްޒާއަށް ބޮޑެތި ތުޙުމަތުތަކެއްކޮށް އޭނާ ގޭބަންދުކޮށްފި


އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ބިން އަލްޙުސައިންގެ އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ވަލީއަހުދު އަމީރު ޙަމްޒާ ބިން ޙުސައިން އެ ޤައުމުގެ ސަލާމަތާއި ހަމަޖެހުމަށް ބުރޫއަރާފަދަ ޢަމަލުތަކެއް ކުރައްވާފައިވާތީ އެ ޤައުމުގެ އަސްކަރިއްޔާއިން އޭނާއަށް އިންޒާރު ދީފިއެވެ.

އުރުދުންގެ ބޮޑުވަޒީރުގެ ނައިބު އައިމަން ޞަފަދީ ވިދާޅުވީ އުރުދުންގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާފަދަ ރޭވުންތަކެއް ރޭވުމުގައި ބޭރުގެ ފަރާތްތަކަކާއެކު އަމީރު ޙަމްޒާ ބައިވެރިވެވެޑައިގެންފައިވާކަމަށެވެ. އަދި އެ ތުޙުމަތުތައް ތަޙުޤީޤުކުރަމުންދާތާ ދުވަސްތަކެއްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އުރުދުންގެ ހަމަޖެހުމާއި ސަލާމަތް ނަގައިލަން އެންމެ އެކަށީގެންވާ ވަގުތަކާ ގުޅޭގޮތުން ބޭރުގެ އެކި ފަރާތްތަކާއެކު ދައްކާފައިވާ ވާހަކަތައް ތަޙުޤީޤުގައި ބަލާފައިވާކަމަށާއި އަމީރު ޙަމްޒާއާއި އޭނާގެ އަނބިކަންބަލުން ޤައުމު ދޫކޮށް ވަޑައިގަތުމަށް މަތިންދާބޯޓެއް ހަމަޖެއްސުމާ ގުޅޭގޮތުންވެސް ބޭރުގެ ފަރާތަކާއި ޙަމްޒާގެ އަނބިކަނބަލުންނާ ދެމެދު ވާހަކަދައްކައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޢަބްދުﷲ ރަސްގެފާނު ބޭނުންފުޅުވީ ޢާއިލާގެ ތެރޭގައި މައްސަލަ ޙައްލުކުރެއްވުމަށްކަމަށާއި އެމަނިކުފާނު އެ މައްސަލައާ ގުޅޭގޮތުން ޙަމްޒާއާ ވާހަކަދައްކަވާފައިވާކަމަށް ޞަދަފީ ވިދާޅުވިއެވެ.

އުރުދުންގެ ޝާހީ ޢާއިލާގެ ތެރޭގައި މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރި ނަމަވެސް އަމީރު ޙަމްޒާ އެއްބާރުލުން ނުދެއްވާކަމަށް ޞަދަފީ ވިދާޅުވިއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ނަސަބުފުޅަށް ނިސްބަތްވާ ޢާއިލާއެއްގެ ބޭފުޅަކު އެފަދަ ގޮތަކަށް ޢަމަލުކުރެއްވުމަކީ އެ ޢާއިލާގެ ޘަގާފަތާ ޚިލާފު ކަމެއްކަމުގައި ޞަދަފީ ސިފަކުރެއްވިއެވެ.

އެ މައްސަލައާ ގުޅިގެން އަމީރު ޙަމްޒާ ހުންނެވީ ގޭ ބަންދުގައެވެ. އޭނާގެ އިތުރުން އުރުދުންގެ އިސް ފަންތީގެ 16 މީހުންވަނީ ބަންދުކޮށްފައެވެ.

އަބްދުﷲ ރަސްގެފާނަށްފަހު އުރުދުންގެ ރަސްކަމާ ޙަވާލުވެވަޑައިގަތުމަށް ކުރިން ހަމަޖެހިފައި އޮތީ އަމީރު ޙަމްޒާއެވެ. ނަމަވެސް 2004ވަނަ އަހަރުގެ ތެރޭގައި އަބްދުﷲ ރަސްގެފާނުވަނީ އެމަނިކުފާނަށްފަހު އަމީރު ޙަމްޒާއަށް އުރުދުންގެ ވެރިކަން ވާރުތަ ނުވާނެކަމަށް ނިންމަވައިފައެވެ. އެތައް އަހަރެއް ވަންދެން އަމީރު ޙަމްޒާ އެއްފަރާތް ކޮށްފައިވީ ނަމަވެސް ޝާޙީ ޢާއިލާއާ ދެކޮޅު ފަރާތްތަކާއެކު ޙަމްޒާ ގާތް ގުޅުންތަކެއް ބާއްވަމުންދާތީ އެ ޤައުމުގެ ސަރުކާރުން އޮތީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އުރުދުންގެ ވެރިންނަކީ ވަގުންކަމަށާއި ޤައުމުގެ ރައްޔިތުންގެ މަސްލަޙަތަށްވުރެ އެމީހުން އިސްކުރަނީ އަމިއްލަ މަސްލަޙަތުކަމަށް ޙަމްޒާ
ވިދާޅުވެއެވެ.

އެމެރިކާގެ މުހިންމު ބައިވެރިއެއްކަމަށްވާ އުރުދުންނަކީ މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަމަޖެހުން އޮންނަ ޤައުމުގެ ގޮތުގައިވަނީ ފާހަގަވެފައެވެ. ނަމަވެސް އަމީރު ޙަމްޒާއަށް ކުރެވޭ ތުޙުމަތުތަކާއެކު އެ ތަޞްވީރުވަނީ ކިލަންބުވެފައެވެ.