ޚަބަރު

ހަނދުސާބިތުކުރުން އަންނަ ހޯމަވިލޭރޭ


މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުން އަންނަ އާދިއްތަދުވަހުގެ ރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ހަނދު ސާބިތުކުރުމުގެ ޖަލްސާ އޮންނާނީ އެރޭގެ 08:30 ގައެވެ.

މިއަހަރުގެ ޝައުބާންމަހުގެ 29 ވަނަދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ޝަޢްބާން 1442 ( 11 އޭޕްރީލް 2021 ) ވާ އާދިއްތަ ދުވަހުގެ ހަވީރު 5.30 ން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެކަމަށެވެ.

ކުރީ އަހަރުތަކެކޭވެސް އެއްފަދައިން ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރި މަތީގައެވެ. އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓެއްގެ މަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ޙަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައެވެ. ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.
ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ، ދިއުމުގެ ޚަރަދު ދޫކުރާނީވެސް އެ ިއދާރާއިންނެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ 1 ވަނަދުވަހަކީ މިމަހުގެ 13 ވާ އަންގާރަދުވަހެވެ. ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމް ބޮޑެތި ޤައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.