ކުޅިވަރު

ނިއުކާސްލް ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރި މެޗް އެއްވަރުވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރި މެޗް އެއްވަރުވެއްޖެއެވެެ. ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސްޕަރސްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލްއިންނެވެ. އެގޮތުން މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީވެސް ނިއުކާސްލްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯލިންޓަންއެވެ. ނަމަވެސް މިލަނޑު ޖެހިތާ ދެމިނެޓް ފަހުން ސްޕަރސްއިންވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ތަޖްރިބާކާރު ފޯވަޑް ހެރީ ކޭންއެވެ. އަދި މެޗްގެ 34 ވަނަ މިނެޓްގައި ކޭންވަނީ ސްޕަރސްއަށް މިމެޗްގައި ލީޑު ނަގާދީފައެެވެ. މިމެޗްގައި ނިއުކާސްލްއިން މެޗްގެ ނަތީޖާ ހަމަހަމަކުރީ މެޗްގެ 85 މިނެޓްގައި ޖޯ ވިލޮކް ޖަހާދިން ލަނޑުންނެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބި ބޭކާރުވިއެެވެ.

މިމެޗް އެއްވަރު ވުމުން މިއަހަރުގެ ޖެނުއަރީ މަހަށްފަހު ގަދަހަތަރަކަށް ފުރަތަމަ ފަހަރަށް އަރަން ސްޕަރސްއަށް ލިބުނު ފުރުސަތު މިވަނީ ގެއްލިފައެވެ. ސްޕަރސް މިހާރު އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 49 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. ހަތަރު ވަނައިގާ އުޅޭ ޗެލްސީ އާއި ސްޕަރސްއާއި ދެމެދު 2 ޕޮއިންޓްގެ ތަފާތެެއް އެބަހުއްޓެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ނިއުކާސްލްއަށް މިހާރު ލިބިފައިވަނީ 30 މެޗުން 29 ޕޮއިންޓެވެ. އަދި މިއީ ރެލިގޭޝަނުން ސަލާމަތް ވުމަށް މަސައްކަތް ކުރަމުންދާ ނިއުކާސްލްއަށް ލިބިގެންދިޔަ މުހިންމު ޕޮއިންޓެކެވެ.