ޚަބަރު

އަވަށްޓެރި ފުލުހުންގެ ޚިދުމަތުގެ ބޭނުމަކީ މުޖުތަމައު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުން- ހޯމް މިނިސްޓަރ


އަވަށްޓެރި ފުލުހުންގެ ޚިދުމަތުގެ އެންމެ ބޮޑު އަޞާސަކީ މުޖުތަމައު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުން ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރީގައި އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފެށުމަށް މަތިވެރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މިޚިދުމަތުގެ ބޭނުމަކީ ފުލުހުންނާއެކުގައި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން އެކުގައި މަސައްކަތްކުރާނެ ނިޒާމެއް އެކުލެވިގެން ދިއުންކަމަށެވެ. ކުށެއް ހިނގުމުގެ ކުރިން ނުވަތަ ކުށެއް ކުށަކަށް ވުމުގެ ކުރިން ކުށުގެ އަސްލު ދެނެގަނެ, އެނައްތާލުމަށްޓަކައި މަސައްކަތްކުރުމަކީ މިނިޒާމްގެ ބޭނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެދިމާއަށް މިކުރެވޭ ދަތުރުގައި ކައުންސިލާއި, ސްކޫލާއި, ހެލްތު ސެންޓަރާއި, ރަށުގެ އެހެން މުއައްސަސާތަކާއި ފުލުހުން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިކަމާއި, ސަލާމަތަކީ އެންމެން އެކުގައި ގުޅިގެން ކުރާކަމެއްކަން ކަށަވަރުވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރަށުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވާ މިންވަރަކީ ރަށުގެ ފާގަތިކަމާއި, އިޤްތިޞާދަށްވެސް ލިބިގެންދާނެ ކުރިއެރުމެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ފުރިހަމަ އަމާން ރައްކާތެރި މުޖުތަމައުއެއްކަމަށް ބެލެވެނީ އެމުޖުތަމައުގެ ކޮންމެ މީހަކީ ފުލުހަކަށްވެގެން. މާނައަކީ ކުށަކަށް އަރައިގަތުމަށް ނުވަތަ ކުށެއް އުފެދުމަށް އެމުޖުތަމައުގައި ޖާގަ ނެތޭ. މިއީ އަޅުގަނޑުމެންގެ ކާބަފައިންގެ ތާރީޚު. އަޅުގަނޑުމެންގެ ރަށްތައް އުފެދިފައި އޮތްގޮތް, އަޅުގަނޑުމެން ދަތުރުކުރަމުން އައި ދަތުރު." މިނިސްޓަރ ވިދާޅުވިއެވެ.

ކުދި ކުދި ވައްކަމާއި, މާރާމާރީއާއި އެނޫންވެސް, ކުށްތައް ފެށިގެން އައިސް އަޅުގަނޑުމެންގެ މިކުދި މުޖުތަމައުތައު ސަލާމަތާއި ރައްކާތެރިކަމުގައި ބޭއްވުމަށްޓަކައި, ފުލުހުންގެ ފަރާތުން ދެވޭ ޚިދުމަތް އާއުސްމިނަކަށް ދަތުރުކުރަން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަވަށްޓެރި ފުލުހުންގެ ޚިދުމަތް އަރިއަތޮޅު އުތުރުބުރީގައި ފެށި, އެޚިދުމަތް އިތުރަށް ތަޢާރަފްކުރެވި, މުޅި ކޮމިއުނިޓީއާއެކުގައި ޚިދުމަތް ދެވެން ފެށުމުން އެއީ މިހުރިހާ މައްސަލަތަކަށް ބޮޑު ފަރުވާއެއް ގެނެސްދޭނެ އުޖާލާ އަލިކަމަކަށް އަޅުގަނޑުމެންނަށް މަގުދައްކައިދޭނެ ގޮތެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.