ޚަބަރު

މެންބަރުން ދާއިރާއަށް ކުރައްވާ ދަތުރަކީ ރަސްމީ ދަތުރެއްކަމަށް ކަނޑައަޅައިފި


ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މެންބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ، ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމައިފިއެވެ. އެގޮތަށް ޢާންމު ކޮމިޓީން ނިންމެވިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކާއި ގުޅޭގޮތުން މަޖިލީހުގެ އާންމު ކޮމިޓީން ގޮތްތަކެއް ކަނޑައަޅާފައިވާކަމަށާއި، މަޖިލީހުގެ ޤަވާއިދަށް ރިޢާޔަތްކޮށް، މަޖިލީހުގެ މެންބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްކަމަށް ކަނޑައެޅިދާނެކަމަށް މަޖިލީހުގެ ޢާންމު ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، ޢާންމު ކޮމިޓީން ނިންމާފައިވަނީ މަޖިލީހުގެ މެންބަރުން ކުރައްވާ ދަތުރުގެ ހުއްދަ ހޯއްދެވުމަށް، ދަތުރުގެ މައުލޫމާތާއެކު، ލިޔުމުން މަޖިލީހުގެ އިދާރާގައި އެދިވަޑައިގަންނަވަންވާނެކަމަށެވެ. އަދި މެންބަރުން ކުރައްވާ ދަތުރުތައް ކުރައްވަން ވާނީ މަޖިލީހުން ހުއްދަ ލިބިގެންކަމަށާއި، އެ ހުއްދަ ލިބިގެން ދަތުރުކުރައްވައިފިނަމަ އެއީ ރަސްމީ ދަތުރެއްކަމަށް މަޖިލީހުން ކަނޑައަޅުއްވާނެކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މެންބަރުން ދާއިރާއަށް ވަޑައިގެންނެވި ނަމަވެސް، މަޖިލީހުން އެދިއްޖެ ނަމަ އޮންލައިންކޮށް މަޖިލީހުގެ ބައްދަލުވުން ނުވަތަ ކޮމިޓީގައި ބައިވެރިވެވަޑައިގަންނަވަން ވާނެކަމަށެވެ.

މަޖީލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދާ ވަގުތެއްގައި، މަޖިލީހުގެ ބޭނުމަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ނުވަތަ ދިވެހިރާއްޖޭގެ ސަރަޙައްދުން ބޭރަށް، މެންބަރަކު ނުވަތަ މެންބަރުންތަކެއް ދަތުރުކުރުމުގެ ހުއްދަ، މަޖިލީހުގެ ރައީސަށް ދެވިދާނެކަމަށެވެ.