ވިޔަފާރި

އައު ޤަވާއިދާއެކު ކައުންސިލުތަކަށް ވިޔަފާރިކުރުމުގެ މަގުފަހިވެއްޖެ


ކައުންސިލަކުން ނުވަތަ އެއް ކައުންސިލަށްވުރެ ގިނަ ކައުންސިލްތައް ގުޅިގެން ވިޔަފާރި ކުންފުނި އުފައްދަން ފުރުޞަތު ލިބޭގޮތަށް "ކައުންސިލްތަކުން އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ޤަވާއިދު" އާއްމުކޮށްފިއެވެ.

ކައުންސިލްތަކުން ވިޔަފާރި ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު އެކުލަވާލައިފައިވާއިރު، މި ގަވާއިދުގައި ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ވިޔަފާރިކުރެވޭނެ މަގު ތަނަވަސްކޮށްދީފައެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވީ، މިޤަވާއިދުގެ ދަށުން ކައުންސިލްތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި ދިނުމަށާއި، ކައުންސިލްގެ ދާއިރާގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށްޓަކައި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމުގެ ފުރުޞަތުވެސް ލިބިގެންދެއެވެ. މިގޮތުން، އަމިއްލަ ފަރާތްތަކާއިއެކު، ވިޔަފާރިކުރުމަށް އެދި ހުށަހަޅާއިރު ގިނަ ކަންތައްތަކެއް ބަލަންޖެހެއެވެ. މިގޮތުން އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި ހިނގަމުންދާ ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަތުމާއި، ވަޒީފާ އުފެދޭނެ މިންވަރު ބެލުމާއި، އުފެއްދުންތެރިކަމަށް ހިއްސާކުރާނެ މިންވަރު ދެނެގަތުން ހިމެނެއެވެ. އަދި އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި، އަމިއްލަ ފަރާތަކާއިއެކު ވިޔަފާރިކުރުމަށް އެދޭނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމާ ނިންމުން ހުށަހެޅުމަށް ކައުންސިލްތަކަށް ލާޒިމުކުރެވިފައިވެއެވެ.

މިޤަވާއިދުގައިވާ ގޮތުން އަމިއްލަ ފަރާތްތަކާއެކު ކުންފުނި އުފައްދަން ހުށަހަޅާއިރު، ކައުންސިލުގެ ހިއްސާ އޮންނަންޖެހެނީ، %20 އަށް ވުރެ އިތުރުނުވާނެ މިންވަރަށެވެ.

މިހާރު ކައުންސިލުތަކުން އަމިއްލަ ނަމުގައި ކުރާ ވިޔަފާރިތަކުގެ ތެރެއިން، ކައުންސިލުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ބޭނުންވާނަމަ، ކުރިއަށް އޮތް 9 މަސް ދުވަހުގެ ތެރޭގައި، ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

މި ގަވާއިދުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުނިތައް އުފައްދަން ފުރުޞަތު ލިބުމުން، ރާއްޖޭގެ އިޤްތިޞާދު ލާމަރުކަޒީކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިނާޢަތްތައް ތަރައްޤީކުރުމަށް ކައުންސިލުތައް ބާރުވެރިކުރެވި، ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ދެކެއެވެ.