ޚަބަރު

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމަށް ފުރަތަމަ ފަހަރަށް 3 އަންހެން ފުލުހުން


ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމަށް ފުރަތަމަ ފަހަރަށް 3 އަންހެން ފުލުހުން އައްޔަނުކޮށްފިއެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި 3 އޮފިސަރުން ކަމުގައިވާ ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރުއެވެ. މި 3 އަންހެން އޮފިސަރުންނަށް މަޤާމުގެ ސެޓިފިކެޓް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަޤާމު ލިބިލެއްވިއިރު ފާތިމަތު ނަޝްވާ ހުންނެވީ އަޕަރ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަޤާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ނަޝްވާ ހޭދަކޮށްފައިވާއިރު، މިމުއްދަތުގެ ތެރޭގައި އޭނާވަނީ އެޑްމިން އޮފިސަރެއްގެ މަޤާމުން ފެށިގެން ޔުނިޓް ލެވެލްގައާއި ޑެޕިއުޓީ ހެޑްގެ މަޤާމާއި، ހެޑް އޮފް ޑިޕާރޓްމަންޓްގެ މަޤާމު ފުރުއްވައި އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްކޮށްދެއްވާފައެވެ.

އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒް ޑިޕާރޓްމަންޓްގެ އިސްވެރިއެއްގެ ހައިސިއްޔަތުން މުޖުތަމަޢުއާއި ގުޅިގެން ކުށްމަދުކުރުމަށް ރާވާ ހިންގާފައިވާ ޕްރޮގްރާމްތަކެވެ. އޭގެ ތެރެއިން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ފުރާވަރު ކޭންޕް ފާހަގަކުރެވެއެވެ. މަތީ ތަޢުލީމަށް ބަލާއިރު ނަޝްވާ ފަސްޓް ޑިގްރީ ހާޞިލުކުރައްވާފައިވަނީ މާސް ކޮމިއުނޭކޭޝަންއިންނެވެ. އަދި މާސްޓަރސް ޑިގްރީ ފުރިހަމަކޮށްފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިންނެވެ. އުނގެނުމާއި އުނގަންނައިދިނުމަށް ޚާއްސަ ޝައުޤުވެރިކަމެއް ބަހައްޓަވާ ނަޝްވާ އަކީ ލައިސަންސްޑް ލައިފް ކޯޗެކެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު މީގެ ކުރިން ހުންނެވީ ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯރމް ޑިޕާރޓްމަންޓްގެ މަޤާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި 16 އަހަރު ހޭދަކޮށްފައިވާއިރު އިޒްމިއާ ވަނީ މި މުއްދަތުގައި އެކި ދާއިރާތަކުން އަގުހުރި ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

އިޒްމިއާ ފާހަގަކުރެވިފައިވަނީ ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަދި އެކަން އަމަލުން ސާބިތުކޮށްދޭން މަސައްކަތްކުރައްވާ އޮފިސަރެއްގެ ގޮތުގައެވެ.

ފުލުހުންގެ ތެރެއަށް ކޮމިޝަންޑް ކުރެވުނު މަދު އަންހެން އޮފިސަރުންގެ ތެރޭގައި އިޒްމިއާ ހިމެނިފައިވާއިރު ރާއްޖޭގެ ޑިވިޜަނެއްގައި ފުރަތަމަ ފަހަރަށް ޑިވިޜަން ކޮމާންޑަރުކަން ކުރެއްވި އަންހެން އޮފިސަރަކީވެސް އިޒްމިއާ ޒާހިރުއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕޯކްސް ޕާސަންގެ މަޤާމާއި، ވިކްޓިމް ސަޕޯޓްގެ ހެޑްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. އަދި ވިކްޓިމް ސަޕޯޓްގައި މަސައްކަތްކުރެއްވި ދުވަސްވަރު ސައިން ލެންގުއޭޖް ކޯހެއް ފުރިހަމަކުރައްވާ އެބަހުން މުޢާމަލާތްކުރަންވެސް ދަސްކޮށްފައިވެއެވެ. އިޒްމިއާވަނީ މާސްޓަރސް ލެވެލްއަށް ތަޢުލީމު ހާޞިލުކުރައްވާފައިވުމުގެ އިތުރުން ސިންގަޕޯރ ޕޮލިސްއިން ހިންގާ ސީނިއަރ އޮފިސަރސް ބޭސިކް ކޯސްފުރިހަމަކޮށްފައިވެއެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާއަކީ ފުލުހުންގެ ޚިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އެއް އަންހެން އޮފިސަރެވެ.

އެގޮތުން 25 އަހަރަށްވުރެ ދިގުމުއްދަތަކަށް އަޒުމާ ޚިދުމަތްކޮށްފައިވެއެވެ. ސްޕްރިންޓެންޑެންޓްގެ މަޤާމު ލިބިލެއްވިއިރު އަޒުމާ މިވަގުތު ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ޑިވިޜަން ކޮމާންޑަރުގެ މަޤާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި އަޒުމާ އެންމެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވަނީ އިންވެސްޓިގޭޝަން ދާއިރާގައެވެ. މާސްޓާރސް ފެންވަރަށް ތަޢުލީމު ހާޞިލުކޮށްފައިވާއިރު އަޒުމާ ފާހަގަކުރެވިފައިވަނީ ހިތްވަރުގަދަ ކެރޭ އޮފިސަރެއްގެ ގޮތުގައެވެ.

އެގޮތުން ފުލުހުންގެ ފުރަތަމަ އަންހެން ޑްރައިވަރަށް ވުމާއި، ފުރަތަމަ އަންހެން އެޓޯލް ކޮމާންޑަރުކަންވެސް ފާހަގަކުރެވިފައިވެއެވެ. ކްލެރިކަލް އޮފިސަރެއްގެ މަޤާމުން ފެށި މިވަޒީފާގައި އޭނާވަނީ ތަފާތު އެކި ދާއިރާތަކުގައި މުހިއްމު މަސައްކަތްތަކެއްކޮށްފައެވެ. ޚިދުމަތުގެ އެންމެ ދިގު މުއްދަތެއްގައި އިންވެސްޓިގޭޝަންގެ ދާއިރާގައި ހޭދަކޮށްފައިވާއިރު ޔުނިޓް ލެވެލްގައާއި ޑިޕާރޓްމަންޓްލެވެލްގެ އިސް މަގާމުތައް ފުރުއްވާފައިވެއެވެ. އަޒުމާވަނީ ހެޑް އޮފް ވިކްޓިމް ސަޕޯރޓްގެ މަޤާމާއި، ފެމެލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާރޓްމަންޓްގެ ހެޑްކަންވެސް ކުރައްވާފައިވެއެވެ. އަދި ފުލުހުންގެ ތެރޭގައި އަންހެނުންގެ ދައުރު ފުޅާކޮށް އަންހެނުން ބާރުވެރިކުރުމަށް އުފައްދަވާފައިވާ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ނެޓްވޯރކްގެ ރައީސްގެ މަގާމަށް ކޮމިޝަނަރ އޮފް ޕޮލިސް އައްޔަންކުރައްވާފައިވާ އޮފިސަރަކީވެސް އަޒުމާކަން ފާހަގަކުރެވެއެވެ.